ލުޤުމާނުގެފާނު:
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވާފައިވާ ވަޞިއްޔަތްފުޅުތަކާއި ހެޔޮ ނަޞޭޙަތްތަކަށް ނަޒަރު ހިންގާލައިފިނަމަ، ތަރުބިއްޔަތުގެ އެކި ދާއިރާތަކުން ނުހަނު އަގުހުރި ޖައުހަރީ އަދި ޢަމަލީ މަންފާތަކެއް ލިބިގެން ދާނެއެވެ. އެހެންކަމުން، އޭގެ ތެރެއިން ބައެއް ކަންތައްތައް ބަޔާންކޮށްލާނަމެވެ.
- ޝިކުރުން ދުރުވެ ހުރުމަށް ދެއްވި އިންޒާރު:
ލުޤްމާނުގެފާނުގެ ވަޞިއްޔަތްފުޅަށް ބަލާއިރު ވަޞިއްޔަތްފުޅު ފައްޓަވާފައިވަނީ މާތް ﷲ އަށް ޝިރުކު ކުރުމުގެ ނުބައި ޖަރީމާއިން އިންޒާރު ކުރައްވަމުންނެވެ. މިއިން ދޭހަކޮށްދެނީ، މާތް ﷲ އަށް ޝިރުކު ކުރެވޭ ކަންތައްތަކުން ދަރިފުޅު ސަލާމަތްކޮށް ރައްކާތެރި ކުރުމުގެ މުހިއްމު ކަމެވެ. ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ އުމުރާ ގުޅޭ ގޮތުން، ޝިރުކުގެ ހުރި ނުބައިކަން އެކުއްޖަކަށް ވިސްނޭފަދަ ޢިބާރާތަކުން ބުނެދީ ހަދަންވާނެއެވެ. މިއީ ތަރުބިއްޔަތުގެ އަސާސީ އެއް ކަމެވެ. ﷲ ނޫން އެހެން ފަރާތްތަކަށް ކާފިރުވުމެވެ. އެފަދަ އެއްޗެހިން ދަރިފުޅު ދުރުކުރުމެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
{ وَإِذْ قَالَ لُقْمَانُ لِابْنِهِ وَهُوَ يَعِظُهُ يَا بُنَيَّ لَا تُشْرِكْ بِاللَّهِ ۖ إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ } لقمان : 13
އާޔަތުން ދޭހަވާ މާނަ: ( އަދި ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތް ދެއްވަމުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! އޭ ދަރިފުޅާއެވެ! اللَّه އަށް ތިބާ ޝަރީކު ނުކުރާށެވެ! ހަމަކަށަވަރުން، ޝަރީކު ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ. )
އެހެންކަމުން މި އަސްލުގެ މައްޗަށް ކުދިން ތަރުބިއްޔަތު ކުރެވޭތޯ ހުރިހާ މައިންބަފައިންވެސް މަސައްކަތް ކުރުމަކީ އެބައިމީހުންގެ މައްޗަށް ވާޖިބެކެވެ. އެހެނީ، އިންސާނީ ހިތުގައި ތައުޙީދު އަށަގަނުވާ، ޝިރުކުން އެއްކިބާ ކުރުމަކީ، މުޅި ކާއިނާތު އުފެއްދެވުމުގެ މަޤްޞަދެވެ.
އިބްނު ޢާޝޫރު މި އާޔަތް ތަފްސީރު ކުރައްވަމުން އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. " ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތުގައި ފުރަތަމަ ﷲ އާ ޝަރީކު ކުރުމުން އެއްކިބާވުމަށް ނަޞޭޙަތްދެއްވީ، ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރަން ހުށަހެޅިފައިވާ މީހަކަށް، އޭގެ ކުރިން ވާޖިބުވެގެންވަނީ، ފަސާދައާއި ނުބައި ކަންތަކުން މަބާދިއުތަކުން ދުރުވާށެވެ. އެހެނީ ޢަޤީދާ ރަނގަޅުވެއްޖެނަމަ ޢަމަލުތައް ރަނގަޅުވާނެއެވެ. ސަބަބަކީ ޢަޤީދާ ފަސާދުވުމުގެ މުލުގައި ހިމެނެނީ ދެކަމެކެވެ. އެއީ ކަލަކުވޮޑިގެން ނުވާކަމުގެ ފިކުރާއި، ޝަރީކުކުރުމުގެ ފިކުރެވެ."
- މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ނަޞޭޙަތް ދިނުން:
މިކަމަށް ދަލާލަތުކޮށްދޭ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެއް ސޫރަތު ލުޤްމާނުގައި ވެއެވެ.
{ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ } سورة لقمان: 14
އާޔަތުން ދޭހަވާ މާނަ: ( އިންސާނާއަށް، އޭނާގެ މައިންބަފައިންނަށް (ހެޔޮކޮށް ހިތުމަށް) ތިމަންރަސްކަލާނގެ ވަޞިއްޔަތް ކުރެއްވީމެވެ. އޭނާގެ މައިމީހާ ބަލި ނިކަމެތިކަމުގެ މައްޗަށް، ބަލި ނިކަމެތި ކަމާއެކު މާބަނޑުގައި އޭނާ އުފުލިއެވެ. އަދި އޭނާ ކިރު ތުނބުން ވީއްލުންވަނީ، ދެއަހަރުގައެވެ. (ތިމަންރަސްކަލާނގެ އަމުރު ކުރެއްވީމެވެ.) ތިމަންރަސްކަލާނގެއަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރު ކުރާށެވެ! އެނބުރި ރުޖޫޢަވުން ވަނީ، ހަމަ ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ.)
{ وَإِن جَاهَدَاكَ عَلَىٰ أَن تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا ۖ وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا} سورة لقمان: 15
އާޔަތުން ދޭހަވާ މާނަ: ( އަދި ތިމަންރަސްކަލާނގެއާމެދު، ތިބާއަށް އެނގުމެއްނުވާ އެއްޗެއް ޝަރީކު ކުރުމަށް، އެ ދެމީހުން ގަދައަޅައިފިނަމަ، ފަހެ، ތިބާ އެ ދެމީހުންނަށް ކިޔަމަންނުވާށެވެ! އަދި ދުނިޔޭގައި ހެޔޮގޮތުގައި އެ ދެމީހުންނާއެކު އުޅޭށެވެ! )
އެހެންކަމުން، ދަރިންނަށް މައިންބަފައިންނަށް ކިޔަމަންތެރިވެ ހެޔޮކޮށް ހިތުމަކީ ކިހާ މަތިވެރި ކަމެއްކަން ވިސްނި، އެމައިންބަފައިންނަށް ހެޔޮކަންކަމުގައި ކިޔަމަންތެރިކަން އަދާކުރާނަމަ، އެދަރިންގެ ތަރުބިއްޔަތަކީ ކާމިޔާބު ތަރުބިއްޔަތެއްކަން ކަށަވަރެވެ.
- މާތް ﷲ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާ ކަމާއި، އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާ ވެފައި ނުވާކަން ދަރިންނަށް ބުނެދީ، އެ ޢަޤީދާ އެކުދިންގެ ހިތުގައި ބިންވަޅު ނެގުން:
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް މިކަމާ ބެހޭ ގޮތުން ދެއްވި ނަޞޭޙަތް ލުޤުމާނު ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.
{ يَا بُنَيَّ إِنَّهَا إِن تَكُ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ فَتَكُن فِي صَخْرَةٍ أَوْ فِي السَّمَاوَاتِ أَوْ فِي الْأَرْضِ يَأْتِ بِهَا اللَّهُ ۚ إِنَّ اللَّهَ لَطِيفٌ خَبِيرٌ } سورة لقمان: 16
އާޔަތުން ދޭހަވާ މާނަ: ( އޭ ދަރިފުޅާއެވެ! ހަމަކަށަވަރުން، އެ ޢަމަލަކީ ރެވިއޮށްޓަރެއްގެ ބަރުދަންހުރި ޢަމަލެއް ކަމުގައިވިޔަސް، ހިލައެއްގެ ތެރޭގައިވިޔަސް، ނުވަތަ އުޑުތަކުގައިވިޔަސް، ނުވަތަ ބިމުގެ ތެރޭގައިވިޔަސް (ޤިޔާމަތް ދުވަހުން) اللَّه އެ ޢަމަލެއް ގެންނަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަން ބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. )
- ނަމާދު ޤާއިމުކުރުވުން:
{ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ } سورة لقمان: 17
އާޔަތުން ދޭހަވާ މާނަ: (އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ.)
އިބްނު ޢާޝޫރު މި އާޔަތް ތަފްސީރުކުރައްވަމުން އެކަލޭގެފާނުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. ( ޢަޤީދާގެ އުޞޫލުތަކުގެ ތަޢުލީމުތައް ( ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް) ދެއްވުމަށް ދެން އިންތިޤާލު ވެވަޑައިގެންނެވީ ޞާލިޙު ހެޔޮ ޢަމަލުތަކުގެ އުޞޫލުތަކުގެ ތަޢުލީމު ދެއްވުމަށެވެ. އެގޮތުން ފައްޓަވައި ދެއްވީ ނަމާދު ޤާއިމުކުރުމާ ބެހޭގޮތުންނެވެ. )
ނަމާދަކީ ހުރިހާ ނުބައި ކަންތަކާއި ފާޙިޝް ކަންތައްތަކުން އިންސާނާ ދުރުކޮށްދޭ، ދީނުގެ ވަރުގަދަ ތަނބެއްކަން ޤުރުއާނާއި ސުންނަތުން އަޅުގަނޑުމެންނަށް ނުހަނު ޞަރީޙަކޮށް އެނގެން އެބައޮތެވެ. ވުމާއެކު، ތަރުބިއްޔަތުގެ މައިދާނުގައި، ޢަޤީދާއަށްފަހު، ދެން އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭންވާނީ ނަމާދާއާ މެދުގައި ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ނަމާދުގެ މައްޗަށް ބޮޑުވެގެން އަންނަ ޖީލަކީ ބާއްޖަވެރި ޖީލެއްކަން ކަށަވަރެވެ. ނަމާދުގެ މައްޗަށް ބޮޑުވެގެން އަންނަ ޖީލަކީ އުފެއްދުންތެރި ޖީލެއްކަން ކަށަވަރެވެ. ނަމާދުގެ މައްޗަށް ހެދި ބޮޑުވާ ޖީލަކީ އަމާން ޖީލެއް ކަމާމެދު ޝައްކެއް ނެތެވެ. ނަމާދުގެ މައްޗަށް ބޮޑުވާ ޖީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ތައުޔީދާއި ނަސްރު ޙައްޤުވެގެންވާ ޖީލެއްކަމާ މެދު ޝައްކެއްނެތެވެ.
އެހެންކަމުން، އުއްމަތުގައި އެންމެ ބޮޑަށް މިއަދު ބޭނުން ޖެހިފައިވާ އެއްކަމަކީ، ނަމާދަށް ތަރުބިއްޔަތު ވެގެން އަންނަ ޖީލެއް ކަމާ މެދު އެއްވެސް ރީބައެއް ނެތެވެ.
- ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުން:
އިސްވެ ދިޔަ އާޔަތުން މިކަމަށް އެވަނީ އިޝާރާތް ކުރެވިފައެވެ. ނަމާދު ޤާއިމުކުރުމަށް ވަޞިއްޔަތް ކުރުމަށްފަހު، ދެން ލުޤްމާނުގެފާނު ދެއްވި ނަޞޭޙަތަކީ ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައި ކަންތައް ނަހީކުރުމަށެވެ.
އެއްވެސް ޝައްކެއްނެތް ގޮތުގައި، މިއީ މި އުއްމަތް އެހެން އުއްމަތްތަކުގައި މައްޗަށް މަތިވެރިވެ ތަފާތު ވެގެންދާ އެއް އުންސުރެވެ. އެއީ ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.
{ كُنتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنكَرِ وَتُؤْمِنُونَ بِاللَّهِ } سورة آل عمران : 110
އާޔަތުން ދޭހަވާ މާނަ: ( މީސްތަކުންނަށްޓަކައި ނެރުއްވި، އެންމެ ހެޔޮ އުއްމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރު ކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން اللَّه އަށް އީމާން ވަމުއެވެ.)
އެހެންކަމުން، ދަރީންނަށް ހެޔޮ ކަންތަކަށް ބާރު އަޅައި، ނުބައި ކަންތަކުން ދުރުވުމަށް ދަސްކޮށްދިނުމަށް، އެކުދިންނަށް، ހެޔޮ ކަންތަކަށް އަމުރުކުރަން، އަދި ނުބައި ކަންތައް ނަހީ ކުރަން ދަސްކޮށްދީ އެކަމަށް ވަޞިއްޔަތް ކުރުމަކީ، އެކުދިންގެ ތަރުބިއްޔަތަށް ދެވޭނެ އެންމެ އަގުހުރި އެއް ކަންތަކެވެ.
މިފަދަ ގޮތެއްގައި ބޮޑުވާ ކުދިންނަކީ، އިސްލާމީ މި މާތް ޝިޢާރު އުފުލާ ކުދިންތަކަކަށް ވެގެންދާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. އަދި މުސްތަޤްބަލުގެ ޤާއިދުން ކަމާމެދު ޝައްކެއްނެތެވެ. ފުރިހަމަ މާތް ޖީލެއް ބިނާ ކުރެވޭނީ މިފަދަ މަތިވެރި އުންސުރުތަކުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރެވިގެން ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
- ކެތްތެރިވުމަށް ދަސްކޮށްދިނުން:
މިކަމަށް އިސްވެދިޔަ އާޔަތުގައި އެވަނީ އިޝާރާތް ކުރެވިފައެވެ. وَاصْبِرْ عَلَىٰ مَا أَصَابَكَ ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ!
ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަޞޭޙަތުގައި، ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމަށް ވަޞިއްޔަތް ކުރުމަށް، ދެން ދެއްވި އިރުޝާދަކީ، ޖެހޭ މުޞީބާތްތަކަށް ކެތްތެރިވުމެވެ. އެހެނީ، އިބްނު އަލްޢާޝޫރު ވިދާޅުވާ ފަދައިން، ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތަށް ނަހީ ކުރާ މީހުންނާ އަދާވާތްތެރިވާނެ މީހުން ވަރަށް ގިނަ ވާނެއެވެ. މާތް ﷲ ގެ މަގަށް ގޮވާލާ މީހަކާ އަދާވާތްތެރިވެ އޭނަގެ އެ ދަޢުވަތު ހުއްޓުވުމަށް ޝައިތާނާއާއި އޭނަގެ އަޢުވާނުން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމީ ވަހުމެއް އޮތް ކަމެއް ނޫނެވެ.
މި ބިން މަތީގައި ލެއްވުނު އެންމެ މާތް އިންސާނާ، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމައަށް މައްކާގެ މުޝްރިކުން ކުރިމަތި ކުރުވި އުދަނގޫތަކަށް ނަޒަރު ހިންގާލުމުން މިކަމުގެ ހުރި ތެދުކަން ހާމަވެގެން ދާނެއެވެ. އެހެންކަމުން، އެފަދައިން އެ ނަބީބޭކަލުންގެ މަގުން ހިނގާ، އެބޭކަލުންގެ ވަޒީފާ އަދާ ކުރާ ދާޢީންނަށްވެސް ހަމަ އެއާ ދާދި އެއްފަދަ އިމްތިޙާނުތަކާއި، އުދަނގޫތަކާއި، މުޞީބާތްތަށް، ދަޢުވަތުގެ ދުޝްމަނުންގެ ފަރާތުން ފެނިގެން ދާނެއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކައުނުގައި ލައްވާފައިވާ ސުންނަތެކެވެ.
އެހެންކަމުން، ދަރިންނަށް ދަޢުވަތުގެ މައިދާނުގައި ދިމާވާ އެފަދަ ކަންތަކަކަށް ކެތްތެރިވުމަށް، ބާރު އަޅައި އެކަމުގެ މައްޗަށް ތަރުބިއްޔަތު ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ލުޤުމާނުގެފާނުގެ ކިބައިން ފެނިގެން އެ ދިޔައީ، އެފަދަ ތަރުބިއްޔަތު ކުރުމެކެވެ.
- ކިބުރުވެރިވެ އަމިއްލަ ނަފްސުގެ މައްޗަށް ބޮޑާވެގަތުމުގެ ނުބައިކަމާ މެދު އިންޒާރު ކުރުން:
وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا ۖ إِنَّ اللَّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ [٣١:١٨]
އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
އިންސާނާ ކިތަންމެ މޮޅުވެ، ކިތަންމެ މަތިވެރިވެގެން ދިޔަސް، އޭނައަކީ ﷲ އުފެއްދެވި، އެހެން އިންސާނުނެކޭ އެއްފަދަ މީހެކެވެ. އިންސާނުންގެ ދައިރާއިން ބޭރަކަށް އޭނައަކަށް ނުދެވޭނެއެވެ. އޭނައަކީ އިންސާނެކެވެ. އެހެންކަމުން، އެހެން އިންސާނުންނާ މެދު ތަވާޟުއުވެރި ވުމަކީ، އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އަދި އެހެންމީހުންނާ ރީތި ގޮތުގައި މުޢާމަލާތު ކުރުމަކީ އޭނަގެ މައްޗަށް ވަޖީބުގެންވާ ކަމެކެވެ. އެކަމަކަށް އޭނާއަކަށް ދެކޮޅެއް ނެހެދޭއެނެއެވެ.
އަޅުގަނޑުމެންގެ މާތް ނަބިއްޔާ ޞައްލަﷲ އަލަހި ވަސައްލަމަގެ ސިޔަރަތަށް ބަލާއިރު، އެކަލޭގެފާނަކީ، އެންމެ ތަވާޟުޢު އިންސާނާއޭ ދެންނެވުމަކީ މަޖުބޫރު ކަމެކެވެ. އިންސާނީ ތާރީޚުގައި އެފަދަ ފުރިހަމަ ނަމޫނާއެއް ފެނިފައެއް ނުވެއެވެ. މާތް މަތިވެރި ސިޔަރަތުގެ ޞަފުޙާތަކަށް ބަލާއިރު، ފެންނަނީ، ބާދިޔާއިން އަންނަ، އަޢުރާބީންނަށް، އެކަލޭގެފާނު މިސްކިތުގައި އެކަލޭގެފާނުގެ ޞަޙާބީންނާއެކު ހުންނަވިނިކޮށް ވަކިކުރަން ނެގޭ ހާދިސާތަކެވެ. އަޢުރާބީން ޖެހެނީ ސުވާލު ކުރާށެވެ. ކަލޭމެންގެ ތެރެއިން މުޙައްމަދުގެފާނަކީ ކޮން ބޭކަލެއްތޯއެވެ. ސުބުޙާނަ ﷲ... މިއީ ކޮން ބޭކަލެއްގެ ވާހަކަ ތޯއެވެ؟ މިއީ އުޑާއި ބިމުގައި އެބޭކަލެއްގެ ނަން ޒިކުރު ކުރެވޭ، މުޙައްމަދު ޞައްލަﷲ ޢަލަހި ވަސައްލަމްގެ ވާހަކައެވެ. މަޖިލީހެއްގައި ހުންނަވާ އިރު، އެންމެ އާދައިގެ މީހެކޭ އެއްފަދައެވެ. ތަފާތުވެ ބޮޑާވެ ވަޑައެއް ނުގަންނަވައެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ހާލަތަށް ބައްލަވާށެވެ. އުޑާއި ބިމާހާ ތަފާތެވެ.
ކޮންމެއަކަސް، ލުޤުމާނުގެފާނު، އެކަލޭގެފާނުގެ ދަރިކަލުން، ޚަލްޤުތަކުންގެ މެދުގައި ތަވާޟުޢުވެރިވުމަށާއި، ކިބުރުވެރިވެ ބޮޑާވެ ނުގަތުމަށް، އެކަލޭގެފާނުގެ ދަރިކަލުން ތަރުބިއްޔަތު ކުރެއްވިއެވެ. މިއީ ތަރުބިއްޔަތުގެ މުހިއްމު އެއް ރުކުން ކަމުގައި ބެލިދާނެއެވެ. އިންސާނުންނާ އެންމެ އެދޭވޭ ގޮތުގައި މުޢާމަލާތު ކުރުމުގެ ބާބެވެ.
އިސްވެ މިދެންނެވުނީ، ޤުރުއާނުގައި މާތް ﷲ ގެންނަވާފައިވާ ބައެއް އާޔަތްތަކުގައި ކުރީގެ ނަބިންނާއި ޞާލިޙުންގެ ތަރުބިއްޔަތުގެ ފިލާވަޅުތަކުގެ ތެރެއިން ވަރަށް މަދު ފިލާވަޅުތަކެކެވެ. އެހެނީ، މީގެ އިތުރުން ވެސް، މިސާލަކަށް، ޒަކަރިއްޔާގެފާނު، މަރިޔަމްގެފާނު ތަރުބިއްޔަތު ކުރެއްވި ގޮތުގެ ވާހަކައާއި، މޫސާގެފާނާއި އެކަލޭގެފާނުގެ މަންމާފުޅުގެ ވާހަކަ އަކީ ވެސް ތަރުބިއްޔަތުގެ ދާއިރާގައި ޤުރުއާނުން ނެގެން ހުރި އަގުހުރި ވާހަކަފުޅުތަކެކެވެ. ނަމަވެސް، މި މަޤާމުގެ ގޮތުން، ހުރިހާ، ވާހަކަތަކެއް ގެނުމަކީ އުދަނގޫ ކަމަކަށް ވާތީ، ކުރުކޮށްލީއެވެ.
ނިންމާލުން
ނިންމާލުމުގެ ކުރިން، މި ލިޔުމުގައި ޒިކުރު ކުރެވުނު، ބައެއް މުހިއްމު ތަރުބިއްޔަތުގެ ވާހަކަ މިތަނުގައި، ޚުލާޞާކޮށް ހާމަކޮށްލާނަމެވެ.
އެންމެ މުހިއްމު ކަމަކީ ދަރިން ތައުޙީދުގެ މަތީގައި ތަރުބިއްޔަތު ކުރުމެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހައިބަތު ކުދިން ހިތުގައި ބިންވަޅު ނެގުމާއި، އެކަލާނގެއަށް ލޯބިކުރުމަށް އެކުދިންނަށް ދަސްކޮށްދިނުމެވެ. އެއަށްފަހު، މާތް ﷲ އާ ޝަރީކު ކުރެވޭ ހުރިހާ ކަމަކުން ދުރުވުމަށް ތަރުބިއްޔަތުކުރުމެވެ. އެހެނީ، ޢަމަލުތަކުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، ހުރިހާ ޢަމަލެއް ފަސާދަކޮށްލާނެއެވެ. ބޭކާރުކޮށްލާނެއެވެ. ނަރަކައިގައި ދާއިމަށް އިންސާނާ އޮންނަ ޖެހިދާނެއެވެ. އެހެންކަމުން، ޝިރުކުން ފުރިހަމަ ރައްކާތެރިވުމަށް ކުދިންނަށް ދަސްކޮށްދޭން ވާނެއެވެ. ޝިރުކުގެ ބިރުވެރިކަން ކުދިންގެ ހިތު ތެރެއަށް ބިންވަޅު ނެގޭ ވަރަކަށް ވައްދަން ޖެހޭނެއެވެ. އެއަށް ނަމާދެެވެ. މައިންބަފައިންނަށް ހެޔޮކޮތް ހިތުމެވެ. ހެޔޮ ކަންކަތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމާއި، މުޞީބާތްތަކަށް ކެތްތެރިވުމަށް ދަސްކޮށްދިނުމެވެ. އެހެން މީހުންނަށް އިޙްތިރާމުކުރުމާއި، އެންމެ ހެޔޮ ގޮތުގައި މީސްތަކުންނާ މުޢާމަލާތު ކުރަން ދަސްކޮށްދިނުމެވެ. ބޮޑާވުމާއި ކިބުރުވެރިކަމުގެ ނުބައިކަން ބުނެދީ އެކަމުން އެކުދިން ސަލާމްކުުރުމެވެ. މިހިރަ މިހިރަ ކަންތަކުގެ މައްޗަށް ދަރިން ތަރުބިއްޔަތު ކުރެވިއްޖެނަމަ، އެ ދަރިންގެ ތަރުބިއްޔަތަކީ ކާމިޔާބު ތަރުބިއްޔަތަކަށް ވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.
ދުޢާ އަކީ، އަޅަމެންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅުގެ އާޔަތްތަކުގައިވާ އިރުޝާދުތަކާ މެދު ތަދައްބުރު ކުރާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އަދި އެ އާޔަތްތަކުގައިވާ އިރުޝާދުތައް ޢަމަލީ މައިދާނުގައި ތަންފީޒު ކުރާ ބަޔަކު ކަމުގައި އަޅަމެން ވެގެން ދިއުމެވެ. އާމީން ޔާ ރައްބަލް ޢާލަމީން!
ޚިޔާލު ފައުޅުކުރުން