ޢިލްމުވެރިންގެ ވާޖިބަށް ހުރަސް ނާޅާށެވެ!

ޝަފީޢު ޢަބްދުއްﷲ

މި ޤައުމަކީ މާތް ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން އުޅޭ ބަޔަކު ދިރިއުޅޭ އިސްލާމީ ދައުލަތެކެވެ. އަޅުގަނޑުމެންގެ ފަޚުރު ގުޅިފައިވަނީ އިސްލާމްދީނާއެވެ. އަޅުގަނޑުމެންގެ މަތިވެރިކަމަކީ އިސްލާމްދީނެވެ.

ނަމަވެސް މިހާރު މިކުޑަކުޑަ ދީބުގައި މާތް ﷲ ގެ ދީނަށް ދަޢުވަތު ދެއްވާ ޢިލްމުވެރިންނަށް ފުރައްސާރަ ކުރެވި، އެބޭފުޅުންގެ ވާޖިބަށް ހުރަސްތަކެއް އެޅެމުން ދާކަމީ ކޮޅުނެތް ކޮޅަށް ހިތާމަ ހުރިކަމެކެވެ. އެފަދަ އަމަލުތައް ކުރާ މީހުން އެކަން ކުރަމުންދަނީ ތަފާތު ބަހަނާތައް ދެއްކުމަށްފަހުއެވެ.

ޢިލްމުވެރިންނަކީ ދީނީގޮތުން އެއުރެންގެ ކޮނޑުގައި މަތިވެރި ޒިންމާއެއް އެޅިފައިވާ ބައެކެވެ. އެއީ މާތް ﷲ ގެ ދީން މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ޒިންމާއެވެ. އެހެންކަމުން، އެބައިމީހުންގެ އެ ޒިންމާއަށް އެއްވެސް ބަހަނާއެއްގައި ހުރަސް އެޅިގެން ދިއުމަކީ، އެއްވެސް ބަޔަކު ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

ދަންނައެވެ. ދީނާ ސިޔާސަތު ވަކިކުރުމަކީ ޢަލްމާނީ ފަލްސަފާއެކެވެ. އެއީ އިސްލާމީ ފަލްސަފާއެއް ނޫނެވެ. އިސްލާމްދީނަކީ ޝާމިލު ދީނެކެވެ. އިސްލާމްދީނުގައި ވަނީ ސިޔާސަތުވެސް ހިމަނުއްވާފައެވެ. ޢިލްމުވެރިން ސިޔާސީ ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި އިސްލާމްދީން މަނާކުރާ ކަމެއް ނޫނެވެ. މިއާ ޚިލާފަށް ބައެއް ޙާލަތްތަކުގައި އެކަން އެގޮތަށް ކުރުމަށް ލާޒިމުވެސް ކުރާ ކަމެކެވެ. މާތް ﷲ ގެ ދީނުގެ ޙައްޤުގައެވެ.

މިތަނުގައި "ސިޔާސީ ވާހަކަ" އޭ މިދެންނެވީ، އެއްވެސް ގޮތަކަށް، މިހާރު ދޫދޫ މައްޗަށް ފަރިތަ ވެފައިވާ، ސިޔާސީ ގޮތުން ދޮގު ހެދުމާއި، މަކަރު ހެދުމާއި، އޮޅުވާލުމުގެ މާނައެއްގައި ނޫނެވެ. މިދެންނެވީ، ސިޔާސީ މައިދާނުގައި ހިނގާ، ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިނގާ، ދީނާ ޚިލާފު ކަންކަން ރައްޔިތުންނަށް ބަޔާންކޮށް ދިނުމާއި، އެކަންކަމަށް ނަޞޭޙަތްތެރި ވާން ޖެހޭ ފަރާތްތަކަށް ނަޞޭޙަތްތެރިވުމުގެ މާނާގައެވެ.

ސިޔާސަތަކީ އެއްވެސް ޙާލެއްގައި، ހަޑިމުޑުދާރު އެއްޗެއް ނޫނެވެ. ހަޑިމުޑުދާރު ވަނީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ސިޔާސީންނެވެ. މަކަރާއި ހީލަތާއި، ދޮގާއި އޮޅުވާލުން އޮޅުވާލާ މީހުންނެވެ.

ކޮންމެއަކަސް، އަޅުގަނޑު ކަންބޮޑު ވަނީ، އިސްލާމްދީނުގެ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ޢިލްމުވެރިންނަށް އެބޭފުޅުންގެ ވާޖިބުތައް އަދާކުރެއްވުމަށް ބަޔަކު މީހުން ހުރަސްއަޅަމުންދާތީއެވެ. އެހެނީ ހުރަސް އެޅިގެން އެ ދަނީ މާތް ﷲ ގެ ދީނަށެވެ. ﷲ ގެ ކަލާމްފުޅު މީސްތަކުންނަށް ބަޔާންކޮށްދިނުމަށް ހުރަސް އެޅިގެން ދަނީއެވެ.

ކަމަކީ ނުރައްކާތެރި ކަމެކެވެ. އެހެނީ ހެޔޮ ކަންތައްތައް މަނާ ކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި މުނާފިޤުން ސިފަކުރައްވާފައިވާ އާޔަތެއްގައި ވެއެވެ.

(( الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ )) / (التوبة : 67)

މާނައީ: " މުނާފިޤު ފިރިހެނުންނާއި މުނާފިޤު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެބައިމީހުން ނުބައި ކަންތަކަށް އަމުރުކޮށް، ހެޔޮ ކަންތައް މަނާކޮށް އުޅެތެވެ."

މިހާރު ފެންނަމުން މިދަނީ ހިތާމަވެރި މަންޒަރުތަކެކެވެ. ނުބައި ކަންތައް ކުރުމަށް އަމުރުކޮށް އެކަމަށް ހިތްވަރު ދެވޭ ތަނެވެ. ޑީޖޭއާއި މިޔުޒިކު ޝޯވް ދިނުން ފަދަ މުންކަރާތްތަކަށް ތަރުހީބު ދެވެއެވެ. ނަމަވެސް މާތް ﷲ ގެ ގެކޮޅުތަކުގައި ދަރުސް ދިނުމާއި ޤުރުއާން ކިޔެވުން މަނާ ކުރެވެއެވެ. ކޮންމެ ފަދަ ބަހަނާއެއްގައި ކުރެވުނަސް، އެ މަނާ ކުރެވެނީ ހެޔޮ ކަންތައްތަކެއް ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ލޭ ހިނގާ އަޚުންތަކެއް ނުކުމެ މިފަދަ ހެޔޮ ކަންތައް މަނާކޮށް ޤަރާރު ކުރަމުންދާއިރު، އެބައިމީހުންގެ ހިތުގައި މާތް ﷲ އަށް ބިރުވެތިކަމުގެ ވިންދެއް ނުޖަހަނީތޯއެވެ؟ މުނާފިޤުންގެ ސިފައިން ސިފަ ލިބިދާނެކަމުގައި ބިރު ހީނުވަނީތޯއެވެ؟ ބައެއްފަހަރު، މިޤައުމުގައި ހިނގާ މިފަދަ ކަންތައް ފެނުނީމައި، އަޅުގަނޑުގެ ދުލުން ސުބުޙާނަﷲ އޭ ބުނުމާއެކު ބަސް ހުއްޓިގެންދާ ފަދަ ކިތަންމެ ކަމެއް ހިނގާފައިވެއެވެ. ގިނަ ފަހަރަށް އެކަންތައް ކުރަމުންދަނީ އަޅުގަނޑުމެން މަތީ މަޤާމުތަކަށް އިންތިޚާބު ކޮށްފައި ތިބޭ ޢިއްޒަތްތެރިންނެވެ.

އަޅުގަނޑުމެންގެ ތެރެއިން މިފަދަ ކަންތައް އެނގިގެން ވިޔަސް ނޭނގި ވިޔަސް ކުރަމުންދާ އަޚުންނަށް އަޅުގަނޑު ގޮވާލަނީ މާތް ﷲ އަށް ބިރުވެތިވާށޭއެވެ. ސިޔާސީ ޙަސަދައެއްގައި މާތް ﷲ ގެ ދީނަށް ދަޢުވަތު ދެއްވާ އެއްވެސް ޢިލްމުވެރިއެއްގެ ވާޖިބަށް ހުރަސް ނާޅާށޭއެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް  ހުރަސް އެޅިގެން އެދަނީ މާތް ﷲ ގެ ދީނަށް ކަމާމެދު ޝައްކެއްނެތެވެ.

  (( وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّـهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ))/ (البقرة: 114)

މާނައީ: " اللَّه ގެ މިސްކިތްތަކުގައި އެކަލާނގެ އިސްމުފުޅު ނަންގަތުން މަނާކޮށް، އަދި އެތަންތަން (ފަޅުކޮށް) ޚަރާބުކުރުމަށް މަސައްކަތްކޮށްފި މީހަކަށްވުރެ އަނިޔާވެރިކަންބޮޑީ ކާކުހެއްޔެވެ؟"

ޚިޔާލު ފައުޅުކުރުން