ދީނަށް ކުރެވޭ ފުރައްސާރަ ހުއްޓުވުމަކީ އެންމެންގެ ޒިންމާއެއް!

ޝަފީޢު ޢަބްދުއްﷲ

މީގެ ދުވަސްތަކެއްކުރިން ، “ދީނަށް ކުރެވޭ ފުރައްސާރަ ހުއްޓުވުމަކީ އިބޫގެ ޒިންމާއެއް!” މިނަމުގަައި އަޅުގަނޑު ވާނީ ލިޔުމެއް ލިޔެފައެވެ. އާދެ، އެލިޔުމުގައި އަޅުގަނޑުވާނީ އިބްރާހީމް މުޙައްމަދު ޞޯލިޙު ރައީސް ކަމުގެ ހުވާކުރެއްވުމާއެކު، މިހާރު އައު ފޯރިއެއްގައި ދީނަށް ފުރައްސާރަ ކުރަމުންދާ މީހުންނާމެދު ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކޮށްފައެވެ. އަދި މީގެ އިތުރުންވެސް ބައެއް މުހިއްމު ނުކުތާތަކަށްވާނީ އަލިއަޅުވާލެވިފައެވެ.

ނަމަވެސް، ފޭސްބުކުގައި އެމަޒުމޫނުގެ “ލިންކު” ހިއްސާކުރުމާއެކު، އެއަށް އަންނަން ފެށީ “ކޮމެންޓު“ތަކެކެވެ. އެކޮމެންޓުތަކަށް ބަލާއިރު، މަޒުމޫނު ކިޔާފައިވާކަމަށް ލަފާކުރެވެނީ ވަރަށް މަދުބައެކެވެ. ގިނަމީހުން ކޮމެންޓުކޮށްފައިވަނީ “އިބޫ އަދި ވެރިކަމުގެ ޒިންމާ ނުނަގާ”ކަމަށެވެ. އަދި އެމަޒުމޫނުގެ ބޭނުމަކީ، އިބޫގެ އަގުވައްޓާލުންކަމަށެވެ. ދީނީ ކާޑު ކުޅެނީކަމަށެވެ. އިބޫގެ ފޮޓޯ ބޭނުންކުރުމަކީ ޖަރީމާއެއްކަމަށެވެ. މިހުރިހާ ކޮމެންޓުތަކުން ދޭހަކޮށްދެނީ ދިވެހިންގެ މެދުގައި އަދިވެސް ކިޔުމުގެ އާދަކާދަ އެހައިބޮޑަށް ނެތްކަމެވެ. އެހެންނޫންނަމަ، އެމަޒުމޫނަށް އެހައި ގިނަ “ނެގެޓިވް ކޮމެންޓުސް” ނައީސްކަން ކަށަވަރެވެ. އެހެނީ، އޭގައި ދައްކާފައިވަނީ، އަޅުގަނޑުމެންގެ ދީނުގެ ވާހަކައެވެ. އެދީނަށް ކުރެވޭ ފުރައްސާރައާ ދެކޮޅު ހެދުމުގެ ވާހަކައެވެ. ކޮންމެއަކަސް، އަޅުގަނޑުގެ މަޒުމޫނު ހުޅުވިފައިވާ ސިކުނޑިއަކުން ކިޔައިފި މީހަކުނަމަ، އޭގައި އަޅުގަނޑު ބުނެފައިވާ ވާހަކަ އެއްވެސް އޮޅުމެއްނެތި ދޭހަވާނެއެވެ. އެހެންކަމުން، އެއާބެހޭގޮތުން އިތުރު ތަފްސީލެއް މިތަނުގައި ދިނުމުގެ ބޭނުމެއްނެތެވެ.

އާދެ، ދީނަށް ލޯބިކުރުމަކީ އަޅުގަނޑުމެންގެ އީމާންތެރިކަން ލާޒިމުކުރާކަމެކެވެ. ދީނަށް މީހަކު ފުރައްސާރަކުރާނަމަ، އަޅުގަނޑުމެންގެ ލޭ ހޫނުވާންޖެހޭނެއެވެ. ލަގޮނޑިއަށް އަސަރުކުރަންޖެހޭނެއެވެ. ނަމަވެސް، އަޅުގަނޑުމެންނަށް މިތިބީ ކީއްވެފައިތޯއެވެ؟ އަޅުގަނޑުމެންގެ ހިތަށް އަސަރެއް ނުކުރަނީތޯއެވެ؟ ލޮލުން ކަރުނަ ނައަންނަނީތޯއެވެ؟ ނައަންނަނަމަ، ހިތާމާއިގެ ކޮޅެއްވެސް ނެތެވެ. އަޅުގަނޑުމެންގެ އީމާންތެރިކަން ކަފުންކުރަންޖެހޭ ޙާލަށްވެއްޓުނީތޯއެވެ؟

މިއަދު، އެކަންކަމާ ދެކޮޅު ހަދައި، އިންކާރުކުރާ މީހާއަށްވުރެ ގޯސް މީހަކުނެތެވެ. ކަމާބެހޭ ފަރާތްތަކަށް އެކަންކަމަށް ފިޔަވަޅު އަޅުއްވާދެއްވުމަށް އެދި އެބޭފުޅުންގެ ޒިންމާ ހަނދުމަކޮށްދޭ މީހާއަށްވުރެ ވިޔާނުދާ މީހެއްނެތެވެ. މިހާރުން ފެށިގެން އެކަމަށް ކުރެއްވުނު ކަމެއް ކޮށްދެއްވުމަށް އިބޫ ޞޯލިޙު އަރިހުން އެދުމަކީ، ވަރަށް ބޮޑު ޖަރީމާއަކަށްވެއްޖެއެވެ. މާތް ﷲ އާ ވަކީލެވެ. މިއަދު މިދިވެހި ފަސްގަނޑުގައި އިސްލާމްދީން މިއޮންނަނީ، ހަމައެކަނި މާތް ﷲ ގެ ރަޙުމަތުންނެވެ. އަޅުގަނޑުމެންގެ ޢަމަލުތައް މިހުންނަނީ އެފަދަ ނިޢުމަތެއް ޙައްޤުވާވަރަށްވުރެ މާދަށު ދަރަޖައެއްގައެވެ. ހުރިހާ ޙަމްދެއް ޘަނާއެއްވަނީ އެއިލާހަށެވެ. އަޅުގަނޑުމެންގެ ކަންކަން މިހާ ދަށު ދަރަޖައެއްގައި ވާއިރުވެސް އެއިލާހުގެ، އިލާހީ މަދަދު ކެނޑިގެން ނުދާތީއެވެ. އެ އިލާހުގެ ރަޙުމަތުގެ ބެއްލެވުން އަޅުގަނޑުމެންގެ މަތިން ފިލައިނުދާތީއެވެ. ކޮންފަދަ، މާތް މަތިވެރި، ލޮބުވެތި، އޯގާވަންތަ، ރަޙުމަތްވަންތަ އިލާހެއްތޯއެވެ؟… އޭ ލޮބުވެތި މާތް ﷲ އެވެ! އަޅަމެންނަށް އަފޫކޮށްދެއްވައިދޭނއެވެ!… އަޅަމެންގެ ޢަމަލުތަކާހެދި އަޅަމެންގެ މައްޗަށް އިލާހީ ރަޙުމަތް ތާއަބަދު އޮއްސަވާދޭނއެެވެ!… އަޅަމެންގެ ކަންތައް އިޞްލާޙުކޮށްދެއްވައިދޭނއެވެ!… އަޅަމެންގެ މައްޗަށް މިންވަރުކުރެއްވި އިސްލާމްކަމުގެ ނިޢުމަތް، އަޅަމެންގެ ތެރެއިންވާ މޮޔައިންގެ ސަބަބުން ނުގެންދަވާށިއެވެ! ތާއަބަދު އިސްލާމީ ޤައުމެއްގެ ގޮތުގައި އަޅަމެންގެ މިރާއްޖެ ލައްވަވައިދެއްވައިދޭނއެވެ! އާމީން ޔާރައްބަލް ޢާލަމީން!

އާދެ، މުރުތައްދުވުމަށްފަހު، އިސްލާމްދީނަށް ފުރައްސާރަކުރަމުން އަންނަ “މުޖޫ ނަޢީމް” އެވެ ކިޔުނު މީހެއްގެ ޓްވީޓަށް، މަޖިލިސް މެމްބަރު ޢަހުމަދު މަހްލޫފު ދެއްވި ރައްދު ވަރުގަދަކަމުން، މިބުނާ މީހަކު ޖެހުނީ އެމީހެއްގެ ޓްވީޓު ފޮހެލާށެވެ. މެމްބަރު މަހްލޫފަށް ފަށްފަށުން ޝުކުރިއްޔާއެވެ. އައްސަރިބަހާއި ސާބަހެވެ. އީމާންކަމުގެ ލޭހިނގާ ދަރިންގެ ގޮތަކީ ތިއީއެވެ. ދީންދެކެ ލޯބިވާ މީހުންގެ ގޮތަކީ ތިއީއެވެ.

މެމްބަރު މަހްލޫފަކީ ނަމޫނާއެއްކަމުގައި ބައްލަވައިގެން ސިޔާސީ މައިދާނުގައި ދެންތިއްބެވި ބޭފުޅުންވެސް މިކަމަށް “ސްޓޭންޑެއް” ނަންގަވައި، މިފުރައްސާރައާ ދެކޮޅަށް ތެދުވެވަޑައިގަންނަވާނަމަ، މިކަންކަން އިސާހިތަކު ނިިމިދާނެއެވެ. މިއަށްވުރެ، ބޮޑު އެޒިންމާއެއް އެބަވޭތޯއެވެ؟ “ސްޓޭންޑް” ނަންގަވަން މިއަށްވުރެ، މަތިވެރި ޝަރަފުވެރި “ސްޓޭންޑެއް” އެބަވޭތޯއެވެ؟

ރައްޔިތުންގެ މައްޗަށް އިސްކުރެވިފައިވާ ވެރިންނާއި، މެމްބަރުންނާއި، ސިޔާސީ ބޭފުޅުންނޭވެ!

ޤައުމަށް ވަނީ ތިބޭފުޅުންގެ އިޚްލާޞްތެރިކަން ބޭނުންވެފައިއެވެ. ތިބޭފުޅުންގެ ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެންގެވުމުގެ ބޭނުން ޖެހިފައިއެވެ. މިކަމުގައި ތިބޭފުޅުންގެ އަޑުމަޑުވެފައިވަނީ ކީއްވެތޯއެވެ؟ އަނިޔާވެރިކަމާއި، ވައްކަމާއި، ކޮރަޕްޝަނަށްވުރެ، ވަކިން ކުޑަ ޖަރީމާއެއްތޯއެވެ؟ ނޫނެކެވެ. މިއީ އެއަށްވުރެ ބޮޑު ޖަރީމާއެކެވެ. މިއީ ޢަރްޝީ އުފުއްލަވާ މަލާއިކަތުންވެސް ބިރުން ތުރުތުރު އަޅުއްވާނެފަދަ ބަސްތަކަކާއި ފުރައްސާރަތަކަކެވެ. މިއީ އީމާނުގެ އަހުލުވެރިންގެ ހިތްތައް ކުދިކުދިކޮށްލާފަދަ އަނިޔާއެކެވެ. މިކަމަށް، ތިބޭފުޅުން ހަނު ތިއްބެވުމަކީ ޤަބޫލުކުރެވޭނެ ކަމެއްތޯއެވެ؟

އޭ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ!

އިސްލާމްދީން ނެގެހެއްޓުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ފަރުދީ ޒިންމާއެކެވެ. ޖަމާޢީ ޒިންމާއެކެވެ. ޤައުމީ ޒިންމާއެކެވެ. އިސްލާމްދީނަށް އަންނަ ކޮންމެ އުދުވާނީ ހަމަލާއަކަށް ހިތުންރުހުމުން، މޭހަށި ދިއްކޮށްލުމަކީ ލިބޭނެ އެންމެ މަތިވެރި ޝަރަފެވެ. އެއަށްވުރެ، މަތިވެރި ޝަރަފެއް އިންސާނަކަށް ނުލިބޭނެއެވެ. މިދީނަށް ކުރެވޭ ފުރައްސާރައަށް ރައްދު ޖަވާބު ދިނުމަކީ، އަޅުގަނޑުމެންގެ އެންމެންގެ މަސްއޫލިއްޔަތެކެވެ. އެކަމަށް މިދިވެހި ފަސްގަނޑުން ޖާގައެއް ނުދެއްވުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. އަޅުގަނޑުމެންގެ މައްޗަށްވާ ވެރިން، އެބައިމީހުންގެ ޒިންމާވެސް މިކަމުގައި ނުއުފުއްލަވާނަމަ، އެބައިމީހުން ޒިންމާދާރު ކުރުވުމަކީވެސް އަޅުގަނޑުމެންގެ މައްޗަށްވާ ޒިންމާއެކެވެ. އެންމެން އެކުއެކީ މިކަމާ ކުރިމަތިލަމާތޯއެވެ. މިހަޑިމުޑުދާރު ޢަމަލަކީ، އަޅުގަނޑުމެން އެންމެން އެއާ ފާޅުގައި ދެކޮޅު ހަދާކަމެއްކަމުގައި ހަދަމާތޯއެވެ.

ދުޢާއަކީ، މިދިވެހި ދީބަކީ ތާއަބަދަށް އިސްލާމީ ދީބެއްގެ ގޮތުގައި ލެއްވުމެވެ. އާމީން!

ޚިޔާލު ފައުޅުކުރުން