އިސްލާމްދީން ގޮވައިލައްވަނީ ހަމައެކަނި ބޭރުފުށުގެ ޢަމަލުތައް ސީދަ ކުރުމަކަށް ނޫނެވެ. އެތެރެފުށާއި ބޭރުފުށުގެ ޢަމަލުތައް ސީދާ ކުރުމަށެވެ. ޙަޤީޤީ މާނައިގައި ދީނީ އަމުރުފުޅުތަކަށް ތަބާވުމަކީ ވެސް އެއީއެވެ.
އާދެ، ބުރުގާ އަޅަން ވީ ފުރަތަމަ ހިތުގައެވެ. މި ތަނުގައި ބުރުގާގެ މުރާދަކީ ފޭރާމެވެ. ނަމަވެސް ކޮންމެކޮންމެ ފޭރާމެއް ނޫނެވެ. އެއީ އިސްލާމްދީނުގައި ބަޔާން ކުރައްވާފައި ވާ ފަދައިން ޢައުރަ ނިވާ ވާ ފަދަ ފޭރާމެވެ. ހިތުގެ މުރާދަކީ ތަޤްވާއެވެ. ނުވަތަ ތަޤްވާވެރިކަމެވެ.
ޖުމްހޫރު ޢިލްމުވެރިންގެ ރައުޔުގައި އަންހެނާގެ އަޢުރައަކީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މޫނާއި ދެ އަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެކެވެ. ޢައުރަ ނިވާކުރުމުގައި ފުރިހަމަ ވާން ޖެހޭ ދެތިން ޝަރުޠެއް ވެސް ދީނުގައި ވަނީ ކަނޑައަޅުއްވާފައެވެ. އެއީ، ނިވާ ކުރަން ޖެހޭ ހުރިހާ ތަނެއް ފޮރުވައި ލެވޭ ފޭރާމަކަށް ވުން ލާޒިމެވެ. ގަޔަށް ބާރުވެގެން ގޮސް ގައިގެ ވަނާތަކުގެ ބައްޓަން އެނގޭ ފަދަ ފޭރާމަކަށް ވެގެން ނުވާނެއެވެ. ތުނިކަމުން އެތެރެ ފެންނަ ވަރުގެ ފޭރާމަކަށް ވެގެން ނުވާނެއެވެ. އެންމެންގެ ލޯތައް އެއަށް ހުއްޓޭވަރުގެ ޝުހުރަތުގެ ފޭރާމަކަށް ވެގެން ވެސް ނުވާނެއެވެ. މި ދެންނެވި ދެތިން ޝަރުޠު ފުރިހަމަ ވާ ކޮންމެ ފޭރާމެއް ހުއްދަވެގެން ވެއެވެ.
ދެން އޮތީ ހިތެވެ. ހިތުގެ މުރާދު ކަމަށް ދެންނެވިފައި ވާނީ ތަޤްވާއެވެ. ތަޤްވާއަކީ މާތް ﷲ އަށް ބިރުވެތިވުމެވެ. އެ އިލާހަށް ޤަދަރު ތައުޒީމު ކުރުމެވެ. އެ އިލާހު ދެކެ ލޯބިވުމެވެ. އެ އިލާހުގެ އަމުރުފުޅަކީ އެންމެ މަތީ އަމުރުފުޅުކަން ހިތާއި ރޫޙާއި ޢަމަލުން ޤަބޫލު ކުރުމެވެ. މި ދެންނެވި ފަދަ ތަޤްވާވެރިކަމެއް ހިތުގައި ވާ މީހެއްގެ ފޭރާން ހުންނާނީ އެ އިލާހުގެ ރުއްސެވުމާއި ފުއްސެވުން ހާސިލު ވާ މިންގަނޑުގައެވެ. އެ ކަމަކީ ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖު ވެސް އޭނާ ﷲ އަށް ޓަކައި އަދާ ކުރާ ފަދައިން އެ އިލާހު ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު އަދައިގެން ކުރާ ކަމެކެވެ. މާތް ﷲގެ ޙަޟްރަތުން ލިބެން އޮތް ސުވަރުގޭގެ މަތިވެރި ނިޢުމަތް ހާސިލު ކުރަން އޭނާ ކުރާ ކަމެކެވެ. މާތް ﷲ އަށް ކިޔަމަންތެރި ވުމަށް އޭނާ ކުރާ ކަމެކެވެ. އެއީ މައިންބަފައިންނަށް ޓަކައި، ފިރިމީހާއަށް ޓަކައި، އެކުވެރިންނަށް ޓަކައި، ނުވަތަ މުޖުތަމަޢަށް ޓަކައި އޭނާ ކުރާ ކަމެއް ނޫނެވެ. އެ ކަމުގެ ފަހަތުގައި ވަނީ އޭނާގެ އަމިއްލަ އިޚްތިޔާރެވެ. އޭނާގެ ހެޔޮ ވިސްނުމެވެ. އޭނާގެ ތަޤްވާވެރިކަމެވެ. އޭނާ އެންމެ ފުރަތަމަ އެޅީ ތަޤްވާގެ ބުރުގާއެވެ. ބޭރުފުށުން އެ ފެންނަ ބުރުގާއަކީ އެ ކަމުގެ ރަމްޒެކެވެ. އެއީ ހިތް އިޞްލާޙު ވެއްޖެ ނަމަ ބޭރުފުށުގެ ޢަމަލުތައް އިޞްލާޙު ވާ ފަދައިންނެވެ. އޭނަގެ ބުރުގާއަކީ ފެޝަން ބުރުގާއެއް ނޫނެވެ. އޭނަގެ ބުރުގާއަކީ ގަޔަށް ބާރު ބުރުގާއެއް ނޫނެވެ. އޭނަގެ ބުރުގާއަކީ ޓޮޕާއި ޖީންސުގެ ބުރުގާއެއް ނޫނެވެ.
އަޚުންނާއި އުޚުތުންނޭވެ! ތަޤްވާގެ މޭވާ ހާސިލު ކުރަން މަސައްކަތް ކުރާށެވެ. ކުރާ ހެޔޮ ޢަމަލުގައި ސާބިތު ވެވޭނީ އެއިރުންނެވެ. މާތް ﷲގެ ފުއްސެވުމާއި ރުއްސެވުން ވަނީ ސާބިތުވުމުގައެވެ.
ޚިޔާލު ފައުޅުކުރުން