ހެޔޮލަފާ މުސްލިމަކަށް ވާނީ ކިހިނެއް؟

ޝަފީޢު ޢަބްދުއްﷲ

"ހެޔޮލަފާ މުސްލިމަކަށް ވާނީ ކިހިނެއް؟" މިއީ ކޮންމެ މުސްލިމެއްގެ ހިތުގައި ވެސް އުފެދޭނެ މުހިންމު ސުވާލެއް ކަން ކަށަވަރެވެ. އިސްލާމްދީނަކީ ދިރިއުޅުމުގެ ކޮންމެ ދިމާލެއްގައި ވެސް މީހާ ހެޔޮގޮތުގައި ޢަމަލުކުރުމަށް ބާރުއަޅުއްވާ ދީނެކެވެ. ހެޔޮލަފާ މުސްލިމަކަށް ވުމަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދުމުގެ މަގެވެ. މާތް ﷲއާއި އެކަލާނގެ ރަސޫލާ މުޙައްމަދު ﷺގެ އަމުރުފުޅުތަކަށް ތަބާވެގެން ނޫނީ އެ ކަމަށް ވާސިލެއް ނުވެވޭނެ ކަން ޔަޤީނެވެ.

 

ހެޔޮލަފާ މުސްލިމަކަށް ވުމުގެ އެންމެ އަސާސީ ފިޔަވަޅަކީ ޢަޤީދާ ހަރުދަނާކޮށް، ތައުޙީދު ވަރުގަދަކުރުމެވެ. އެއީ މާތްﷲއާ މެދު އޮންނަ އީމާންތެރިކަން އިތުރުކޮށް، އެކަލާނގެއަށް ބިރުވެތިވެ ތަޤްވާވެރިވުމެވެ. މީގެ އިތުރުން، އީމާންކަމުގެ އެހެނިހެން ރުކުންތައް ފުރިހަމައަށް އުނގެނި، އޭގެ ޙަޤީޤަތް ދެނެގަނެ، އެ އެންމެހައި ކަންކަމަށް އީމާންވުމެވެ.

ދެވަނަ ފިޔަވަޅަކީ، އިސްލާމްކަމުގެ ފަސް ރުކުން ފުރިހަމައަށް އަދާކުރުމެވެ. އެއީ ޝަހާދަތް ކިޔުމާއި، ނަމާދު ބަރާބަރަށް ޤާއިމުކުރުމާ، ޒަކާތް ދިނުމާއި، ރޯދަމަހު ރޯދަ ހިފުމާއި، ކުޅަދާނަވެގެންވާ ނަމަ ގެފުޅަށް ގޮސް ޙައްޖުވުމެވެ. އެހެނީ، މި ރުކުންތަކަކީ މުސްލިމެއްގެ ދިރިއުޅުމުގެ ބިންގަލެވެ.

ކީރިތި ޤުރްޢާނުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ (سورة النساء: 103)

މާނައީ: "ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން ފަރުޟުކުރެވިފައިވާ އަޅުކަމެކެވެ."

 

ޙަދީޘް ޖިބްރީލްގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގައި، އިސްލާމްކަމާއި އީމާންކަމާއި އިޙްސާންތެރިކަމަކީ ކޮބައިކަން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ވަނީ އުންމަތަށް ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވައިފައެވެ. މި ދިގު ޙަދީޘްފުޅުގެ ޢަރަބި ނައްޞުގެ ބަދަލުގައި، އޭގެ ދިވެހި ތަރުޖަމާ އަޅުގަނޑު މި ތަނުގައި ހުށަހަޅައިލާނަމެވެ.

 

މި ޙަދީޘްފުޅު ރިވާކުރައްވައިފައި ވަނީ މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އެއް ދުވަހަކު އަހަރެމެން ރަސޫލުﷲ  صلى الله عليه وسلمގެ އަރިހުގައި އިށީނދެ ތިއްބައި، ހުދު ފޭރާމެއްގައި، ގަދަ ކަޅު އިސްތަށިގަނޑެއް ހުރި ހުރި މީހަކު އަހަރެމެންގެ ގާތަށް އައެވެ. އޭނާގެ ހަށިގަނޑުން ދަތުރުކުރުމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އަދި އަހަރެމެންގެ ތެރެއިން އެކަކަށް ވެސް އޭނާއެއް ނޭނގެއެވެ. އޭނާ ނަބިއްޔާ صلى الله عليه وسلمގެ އަރިހުގައި އިށީނދެ، އެކަލޭގެފާނުގެ ކަކުލުފުޅާ އޭނާގެ ކަކުލު ޖައްސާލައި، އޭނާގެ ދެއަތް އޭނާގެ ފަލަމަސްގަނޑުގައި ބާއްވައިފައި ދެންނެވިއެވެ. "އޭ މުޙައްމަދުގެފާނެވެ! އިސްލާމްކަމަކީ ކޮބައިކަން އަހަންނަށް ކިޔައިދެއްވާށެވެ." ފަހެ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްފުޅުކުރެއްވިއެވެ. "އިސްލާމްކަމަކީ، މާތް ﷲ ފިޔަވައި އެހެން އެއްވެސް އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމުކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާން މަހު ރޯދަހިފުމާއި، ކުޅަދާނަވެއްޖެ ނަމަ ﷲ ގެ ގެފުޅަށް ގޮސް ޙައްޖުވުމެވެ." އެ މީހާ ދެންނެވިއެވެ. "ތިޔަ ވިދާޅުވީ ތެދުފުޅެކެވެ." އެ ހިނދު އަހަރެމެން (ޢުމަރުގެފާނާއި އެހެން ޞަޙާބީން) ޙައިރާންވިއެވެ. އެހެނީ އޭނާ ސުވާލުކޮށްފައި، އަދި ޖަވާބު ތެދުކަމަށް ބުނާތީއެވެ. އަދި އޭނާ ދެންނެވިއެވެ. "ފަހެ، އީމާންކަމަކީ ކޮބައިކަން އަހަންނަށް ކިޔައިދެއްވާށެވެ." އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "އީމާންކަމަކީ، މާތް ﷲއަށާއި، އެކަލާނގެ މަލާއިކަތުންނަށާއި، އެކަލާނގެ ފޮތްތަކަށާއި، އެކަލާނގެ ރަސޫލުންނަށާއި، އާޚިރަތް ދުވަހަށާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމެވެ." އެ މީހާ ދެންނެވިއެވެ. "ތިޔަ ވިދާޅުވީ ތެދުފުޅެކެވެ." ދެން އޭނާ ދެންނެވިއެވެ. "އިޙުސާންތެރިކަމަކީ ކޮބައިކަން އަހަންނަށް ކިޔައިދެއްވާށެވެ." އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "އިޙުސާންތެރިކަމަކީ، ތިބާ ﷲއަށް އަޅުކަންކުރާ އިރު، އެކަލާނގެ ތިބާޔަށް ފެންނަފަދައިން އަޅުކަންކުރުމެވެ. ފަހެ، ތިބާޔަށް އެކަލާނގެ ނުފެންނަ ނަމަވެސް، އެކަލާނގެ ތިބާޔަށް ދެކެވޮޑިގެންވެއެވެ." އޭނާ ދެންނެވިއެވެ. " ޤިޔާމަތް ދުވަސް އަންނާނީ ކޮން އިރަކުކަން އަހަންނަށް ކިޔައިދެއްވާށެވެ." އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. މި ކަމާ ބެހޭގޮތުން ސުވާލު ކުރެވުނު މީހާއަށް ވެސް ސުވާލުކުރި މީހާއަށް ވުރެ އިތުރަށް އެެނގިފައެއް ނުވެއެވެ." އޭނާ ދެންނެވިއެވެ. " އެހެން ނަމަ، ޤިޔާމަތް ދުވަހުގެ ޢަލާމާތްތަކަކީ ކޮބައިކަން އަހަންނަށް ކިޔައިދެއްވާށެވެ." އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. " އޭގެ ތެރޭގައި ހިމެނެނީ، އަޅު އަންހެނާ އޭނާގެ ސާހިބާ (ނުވަތަ ވެރިމީހާ) ވިހާނެ ކަމެވެ. އަދި ފައިވާނެއް ނުލައި، ހާލުގައި ޖެހިފައިވާ، ބަކަރި ހުއިހައްޕާ މީހުން އުސް ޢިމާރާތްތައް ބިނާކުރުމުގައި ވާދަކުރާތަން ތިބާ ދެކޭނެ ކަމެވެ." ދެން އެ މީހާ ހިނގައްޖެއެވެ. ފަހެ، ތިމަންނަ (އެބަހީ، ޢުމަރުގެފާނު) ކުޑަ ވަގުތުކޮޅަކު އެތާނގައި މަޑުކުރީމެވެ. ދެން އެކަލޭގެފާނު ތިމަންނައަށް ޙަދީޘްފުޅުކުރެއްވިއެވެ. "އޭ ޢުމަރެވެ! އެ ސުވާލު ކުރި މީހާއަކީ ކާކުން ތިބާ އެނގޭތޯއެވެ؟" އަހަރެން ދެންނެވީމެވެ. " އެއީ ކާކުން މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއާއި އެކަލާނގެ ރަސޫލާއެވެ." އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. "ފަހެ، އެއީ ޖިބްރީލްގެފާނެވެ. ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުގަންނަވައިދެއްވުމަށް އެކަލޭގެފާނު ވަޑައިގަތީއެވެ." (ބުޚާރީ، މުސްލިމް)

 

އާދެ، އެހެންކަމުން، އިޙްސާންތެރިކަމަކީ، ތިބާއަށް މާތް ﷲއަށް ފެނިގެން އަޅުކަން ކުރާ ފަދައިން އަޅުކަން ކުރުމެވެ. ނުވަތަ އެފަދައިން ނުވާ ނަމަ އެކަލާނގެ ތިބާ ދެކެވޮޑިގެންވާ ކަން ހިތްމައްޗަށް ގެނެސްގެން އަޅުކަންކުރުމެވެ. ހެޔޮޮލަފާ މުސްލިމަކަށް ވުމަށް ޓަކައި، އަޅުގަނޑުމެންނަށް މި ދަރަޖަތައް ހާސިލުވޭތޯ ކޮންމެހެން މަސައްކަތްކުރާން ޖެހެއެވެ. އެހެނީ، އިސްލާމްކަމާއި، އީމާންކަމާއި، އިޙްސާންތެރިކަން ހިމެނިގެންވަނީ މުޅި ދީނުގެ ގޮތުގައެވެ. މިއީ އަޅާގެ ދީންވެރިކަމުގެ  އެކިއެކި ދަރަޖަތަކެވެ. އިސްލާމްކަމުގެ ރުކުންތައް ފުރިހަމައަށް އަދާކޮށް، އީމާންކަމުގެ ރުކުންތަކަށް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އީމާންވެ، އިޙްސާންތެރިކަމުގެ ދަރަޖައަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތްކުރުމަކީ ހެޔޮލަފާ މުސްލިމަކު ކޮންމެހެން ކުރާން ޖެހޭ ކަމެކެވެ.

 

ހަމަ އެއާ އެކު، ހެޔޮލަފާ މުސްލިމަކަށް ވާން ބޭނުން ނަމަ، އެ މީހެއްގެ ކިބައިގައި ހެޔޮ އަޚްލާޤާއި ރަނގަޅު ސުލޫކެއް ހުރުން ވަރަށް މުހިންމެވެ. ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކެތްތެރިކަމާއި، އޯގާތެރިކަމާއި، ހިތްހެޔޮކަމާއި، މީސްތަކުންނަށް ހެޔޮކޮށްހިތުމަކީ ހެޔޮލަފާ މުސްލިމެއްގެ ގައިގައި ކޮންމެހެން ހުންނާން ޖެހޭ އަސާސީ ސިފަތަކެކެވެ.

މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްފުޅުކުރައްވައިފައިވެއެވެ. " إنَّ مِن خِيَارِكُمْ أحْسَنَكُمْ أخْلَاقًا". މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހުންނަކީ އެންމެ ހެޔޮ އަޚްލާޤެއްގެ ވެރި މީހުންނެވެ." (ބުޚާރީ).

ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.

﴿وَقُل لِّعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ﴾ (سورة الإسراء: 53)

މާނައީ: " އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންރަސްކަލާނގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ!”

އަދި ނަބިއްޔާ ﷺ ޙަދީޘްފުޅުކުރައްވައިފައިވެއެވެ. "لَا يَدْخُلُ الْجَنَّةَ مَنْ لَا يَأْمَنُ جَارُهُ بَوَائِقَهُ" "އެ މީހެއްގެ އުނދަގުލުން އެ މީހެއްގެ އަވައްޓެރިޔާ ސަލާމަތް ނުވި މީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ." (މުސްލިމް).

 

އަދި ހެޔޮލަފާ މުސްލިމަކަށް ވުމަށް ޓަކައި، ޢިލްމު ހޯދުމުގެ މުހިންމުކަން ވެސް ވަރަށް ބޮޑުވެގެންވެއެވެ. މާތް ﷲގެ ކަލާމްފުޅާއި، އެކަލާނގެ ރަސޫލާ صلى الله عليه وسلمގެ ސުންނަތް އުނގެނި، އެ ޢިލްމަށް ޢަމަލުކުރުމަށް މަސައްކަތްކުރުމަކީ ހެޔޮލަފާ މީހެއްގެ ކިބައިގައި ހުންނާން ޖެހޭ ސިފައެކެވެ.

މާތް ނަބިއްޔާ މުޙައްމަދު ﷺ ޙަދީޘްފުޅުކުރައްވައިފައިވެއެވެ. " طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ" މާނައީ:"ޢިލްމު ހޯދުމަކީ ކޮންމެ މުސްލިމަކަށްމެ ފަރުޟުކުރެވިފައިވާ ކަމެކެވެ." (އިބްނު މާޖާ).

 

ނިންމާލުމުގެ ގޮތުން ފާހަގަކޮށްލާން ބޭނުން ވަނީ، ހަގީގީ މާނައިގައި ހެޔޮލަފާ މުސްލިމަކަށް ވުމަކީ، ދިރިއުޅުމުގެ އެންމެހައި ދާއިރާތަކުގައި މާތްﷲގެ ކަލާމްފުޅާއި، އެކަލާނގެ މާތް ރަސޫލާ محمد صلى الله عليه وسلمގެ ސުންނަތަށް ފުރިހަމައަށް ތަބާވެ، އެއާ އެއްގޮތަށް ޢަމަލުކުރުމެވެ. އެހެންކަމުން، ދެދުނިޔޭގެ ބާއްޖަވެރިކަމާއި ކާމިޔާބު ހޯދުމަށް ޓަކައި، ހަގީގީ މާނައިގައި ހެޔޮލަފާ މުސްލިމުންގެ ގޮތުގައި ދެމިތިބުމަށް، އަޅުގަނޑުމެން އެންމެން ގުޅިގެން އެކަކު އަނެކަކަށް ހެޔޮކަންކަމަށް އެހީތެރިވެދީ މަސައްކަތްކުރަމާ ހިންގަވާށެވެ.

 

(މިއީ އަޅުގަނޑު ޓީ.އެން.އެން.އެމްވީ އޮންލައިން ނޫހަށް ލިޔުނު ލިޔުމެކެވެ.)

ޚިޔާލު ފައުޅުކުރުން