“ރާއްޖެއަށް ސެކިއުލާ ޚިޔާލުތައް އޮހިގެން އައީ، އެވިސްނުން އައީ އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީގެ ތެރެއިން. އެއީ ކޮންބައެއްކަން އެނގޭ. އެމީހުންނާއި ދުރައްދާކަށް ނުޖެހޭނެތޯ. އެފަދަ ވިސްނުމެއްގައި ތިބި ބަޔަކު ކޮން ހެއްވެތޯ އަޅުގަނޑުމެންނަށް އެދޭނީ. ކޮން ރަނގަޅެއްތޯ އެމީހުން ވާނީ؟ އެމީހުން ތާއިދު ކުރާ ބޭފުޅުން ތިވިސްނަނީ ކޮންތާކުންތޯ؟ ފުންނާބުންތޯ ނުވަތަ ސިކުނޑިންތޯ؟ ބުއްދި ތިވަނީ ކޮންތަނަކަށްތޯ އެއްލާލާފައިތޯ؟”
މަތީގައި އެވާ ސުވާލަކީ ރިޔާސީ އިންތިޚާބު ތެރޭގައި ޝެއިޚް މުޙައްމަދު ނަޝީދު އާދަމް، ޢަދާލަތު ޕާޓީގެ ބޭފުޅުންނަށް ނިސްބަތްކުރައްވާ ކުރެއްވި ސުވާލެކެވެ. މިއީ ތަންކޮޅެއް ހަރުކަށި ޢިބާރާތަކުން ކުރެއްވި ސުވާލެއް ކަމަށް އޭރު އަޅުގަނޑަށް ހީވިއެވެ. އެއީ އެ ސުވާލު ގޯސް ކަމަށް ދެކޭތީއެއް ނޫނެވެ. އެ ސުވާލަކީ އޭރުވެސް ކުރަން ޖެހޭ ސުވާލެކެވެ. ޢިބާރާތް ތަންކޮޅެއް ހަރުކަށިކަމަށް އޭރު ފާހަނގަކުރެވުނީއެވެ.
ނަމަވެސް މިއަދު ޢަދާލަތު ޕާޓީގެ ކަންތައް ގޮސްފައި އޮތް ހިސާބުން އެސުވާލު އެއަށްވުރެ ހަރުކަށިކޮށްވެސް ކުރުން އެންމެ މުނާސަބުކަމަށް ހީވާން ފަށައިފިއެވެ. މާތް ﷲ ގެ ދީނަށް ޣީރަތްތެރިކަމެއް ހިތުގައި އޮތް ކޮންމެ މީހަކު އެ ސުވާލު އެބޭފުޅުންނާ ކުރައްވަން އެބަޖެހެއެވެ. ހަރު އަޑުން ކުރަން އެބަ ޖެހެއެވެ.
އާދެ، މިވާހަކަތައް ދައްކަން ޖެހެނީ ވަރަށް ހިތާމަ ކުރާ ޙާލުގައެވެ. އަޅުގަނޑުމެން ވަރަށް ޤަދަރުކުރާ، އިޙްތިރާމް ކުރާ ބޭފުޅުން ކޮޅަކާމެދު ދައްކަން ޖެހޭ ވާހަކައަކަށް ވާތީއެވެ. ނަމަވެސް، މިހާރު ޢަދާލަތު ޕާޓީގެ ކަންތައް ގޮސްފައި އޮތް ހިސާބަކީ އަޖައިބުވެ އަންތަރީސް ކުރުވާ ހިސާބެކެވެ.
ދިވެހިރާއްޖޭގެ ދުޢާތުންނާއި ދީނީ ޢިލްމުވެރިން އެންމެންވެސް އެތިއްބެވީ، އަންނިގެ ލީޑާޝިޕަށް މަލިޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ، މިޤައުމު ވެއްޓިދާނެ، ނުރައްކާތެރި ޙާލަތަކާމެދު ބިރުފުޅުންނެވެ.
އަދި ހަމައެހެންމެ، ޓްވީޓާގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިން މަޖިލީހުގެ ރައީސް ޝެއިޚް އިލްޔާސް ޙުސެއިން އާއި އެމަޖިލީހުގެ ނާއިބު ރައީސް ޑރ ޢިޔާޟު ޢަބްދުއްލަޠީފު އާއި ޕާޓީގެ އެހެނިހެން ޝެއިޚުން މީގެ ދުވަސްތަކެއް ކުރިން ހާމަކުރައްވަމުން ގެންދެވި ޓްވީޓުތަކުން އަންނިއަށް މެޖޯރިޓީ ލިބިއްޖެނަމަ އައިސްދާނެ ބިރުވެރިކަމަކާ މެދު ބިރުހީވެފައި ތިއްބެވިކަން ނުސީދާކޮށް ނަމަވެސް ދިޔައީ ފާޅުވަމުންނެވެ. މިބީދައިން މިކަން އޮތް ހިނދު، ޢަދާލަތުން އަންނިއާ ބައިވެރިވެގެން އެމްޑީޕީއަށް މެޖޯރިޓީ ލިބޭގޮތަށް މަސައްކަތް ކުރައްވަން ނިންމެވުމަކީ އަންތަރީސް ކުރުވި ކަމެކެވެ.
އާދެ، މުޙަައްމަދު ނަޝީދު (އަންނި)ގެ “ލާދީނީ” ކަމަކީ އަޅުގަނޑުމެން ބަޔަކަށް އަލުން ސާބިތުކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. އެކަން ވަނީ ޢަދާލަތުގެ ބޭފުޅުން ވަރަށް ސާފުކޮށް ދިވެހިންނަށް މީގެ ކުރިން އެތައް ތަނެއްގައި ސާބިތުކޮށްދީފައެވެ. “ނަޝީދަކީ ދިވެހިރާއްޖޭގެ މިއޮތް އިސްލާމްދީން ނައްތާލުމަށް ޔަހޫދީން ފޮނުވާފައިވާ އެޖެންޓެއް ކަމަށާއި އޭނާގެ ފަރާތުން ދުވަހަކުވެސް ދިވެހިރާއްޖޭއަށް ހެވެއް ނައަންނާނެ ކަމަށް” ވިދާޅުވީ ޝެއިޚް އިމްރާނެވެ. އެވެސް ދިވެހި ރައްޔިތުންނާ މުޚާޠަބުކުރައްވައެވެ. ހަމައެފަދައިން، އިހަކަށް ދުވަހު، އަންނިއަށް އިޝާރާތްވާ ގޮތަށް ޝެއިޚް އިލްޔާސް ވިދާޅުވެފައިވަނީ، “އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ނުހިތާ، ދީނުގެ އުޞޫލުތަކަށް ފާޑުކިޔައި، ދީނާ ބީރައްޓެހި ޘަޤާފާތް ފަތުރާ ބަޔަކާއެކު ހިތާއި ހިތުގެ ގުޅުން ބޭއްވުން ހުއްދަ ނުވާނެ” ކަމުގައެވެ. އޭގެ ކުރިން ޝެެއިޚް އިލްޔާސްވެސް އެކިއެކި މައުޤިފުތަކުގައި އަންނިގެ ނުރައްކާތެރިކަމާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުތަކުގެ ވީޑިއޯއާއި އޯޑިއޯތައް ފެންނަން އެހުރީއެވެ. 2013ގައި، ޢަދާލަތު ޕާޓީގެ އޭރުގެ ނާއިބު ރައީސް ޑރ. މަޢުރޫފު ޙުސެއިން، އަންނިއަކީ ލާދީނީ މީހެކޭ ވިދާޅުވެގެން އެކަމަށް ޖަވާބުދެއްވުމަށް އީސީ އިން އެންގެވުމުން އެކަމާ ބެހޭގޮތުން ދެއްވި ދިގު ނޫސް ކޮންފަރެންސްގެ ވީޑިއޯ މިހާރުވެސް ޔޫޓިއުބުން ފެންނަން އެހުރީއެވެ.
އެހެންކަމުން، އަންނިގެ “ލާދީނީކަން” އަޅުގަނޑުމެން ބަޔަކަށް ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ. އަޅުގަނޑު އެދެނީ އެކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވި ޢަދާލަތުގެ ބޭފުޅުންގެ އަރިހުން އޭނައަކީ ލާދީނީ މީހެއްކަމަށް އެބޭފުޅުން ސާބިތުކޮށްދެއްވި ގޮތަށް އޭނާއަކީ ލާދީނީ މީހެއް ނޫންކަމަށް ސާބިތުކޮށްދެއްވުމެވެ. ދެން އެއަށްފަހު، އޭނައަށް މަޖިލިސް މެޖޯރިޓީ ކީއްކުރަންތޯ، މުޅި ދުނިޔޭގެ ރަސްކަން ދެއްވަން އުޅުއްވިޔަސް އަޅުގަނޑުމެންގެ މައްސަލައެއް ނެތެވެ.
އަޅުގަނޑުމެންނަށް ކަމު ނުދަނީ، އިއްޔެ ދިވެހިރައްޔިތުންގެ ކައިރީގައި ވަކި ވާހަކަތަކެއް ދެއްކެވުމަށްފަހު، މިއަދު އެއާ ދިމާ އިދިކޮޅަށް ޢަމަލުތައް ފެންނާތީއެވެ. ތިބޭފުޅުންގެ އަމިއްލަ ނަފްސުތަކަށާއި ދިވެހި ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ އިޙްތިރާމެއް ކުރައްވާށެވެ.
ޚިޔާލު ފައުޅުކުރުން