ރަމަޟާންމަހަށް ތައްޔާރުވުން!

ޝަފީޢު ޢަބްދުއްﷲ

މި މާތް މަހަށް މަރުޙަބާ ކިޔައި ތައްޔާރީވުމުގައި މީސްތަކުން ބެހިގެންވަނީ ދެބަޔަކަށެވެ. އެއްބަޔަކީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގޭގެ ފަރުނީޗަރު ބަދަލުކޮށް، ބަދިގެ ސާމާނު ހޯދައި، ޓީވީން ރޯދަމަހަށް ޙާއްޞަކޮށްގެން ފޮނުވަން ހަމަޖެހިފާ ހުރީކޮން މުނިފޫހިފިލުވުމުގެ ޕޮރުގުރާމުތަކެއްތޯ ބަލައި އެއަށް ވަޤުތުހުސްކުރާ މީހުންނެވެ. އަނެއްބަޔަކީ އެމީހުންގެ ގެތައް ރަމްޟާންމަހަށް ތައްޔާރުކުރާ ބީދައިން އެމީހުންގެ އަމިއްލަ ނަފްސުތައްވެސް ތައްޔާރުކޮށް އެމަހުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ ކޮންގޮތަކަށްތޯ ބަލައި ހޯދާމީހުންނެވެ.

ނަމަވެސް މިދެބައިމީހުންގެވެސް އެއްގޮތް ކަމެއް އެބައޮތެވެ. އެއީ ދުރާލައި ޝަޢުބާން މަހުން ފެށިގެން މިބައިމީހުން މިބަރަކާތްތެރި ރަމްޟާންމަހަށް ތައްޔާރުވަމުންދާކަމެވެ. އެހެންކަމުން މިލިޔުމަކީ މިދެބައިމީހުންނަށްވެސް ފައިދާކުރާނެ ލިޔުމެކެވެ. ނުރަނގަޅު ތައްޔާރީވަމުންދާ މީހުން އެކަން ސީދާކުރާނެ ގޮތް އެނގިގެންދާނެތީއެވެ. އަދި ރަނގަޅުގޮތުގައި ތައްޔާރީވަމުންދާ މީހުންނަށް އެކަމުގައި އިތުރު ހިތްވަރެއްލިބިގެންދާނެތީއެވެ.

އެގޮތުން މި މަހަށް ފުރިހަމައަށް ތައްޔާރީވެ އެކަށީގެންވާ މަރުހަބާއެއް ކިޔުމުގެ ގޮތުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެވިދާނެއެވެ.

1 – ތެދުވެރި ތައުބާއަކުން ތައުބާވުން:

ތައުބާވުމަކީ ވާޖިބެކެވެ. މިމަހަށް ވަކިން ޙާއްޞަކުރެވިފައިވާ ކަމެއް ނޫނެވެ. އިންސާނާގެ މުޅި ޙަޔާތުގައި އޭނާ ތައުބާވުން މަތީގައި އަބަދުމެ ދެމި ހުންނާން ޖެހޭނެއެވެ. ނަމަވެސް، މިކުރިމަތިވަނީ ބަރަކާތްތެރި މަހެއް ކަމުން މިމަހާ ބައްދަލުވާ ހިނދު އިތުރަށް ހިތް ނިޔަށް ސާފުކޮށް ތައުބާވުމީ މިމާތް މަހަށް އަދާކުރެވޭ އެންމެ ފުރިހަމަ މެހެމާންދާރީކަމުގައި ވެގެންދާނެއެވެ.

މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.( وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ) މާނައީ: " އޭ އީމާންވި މީސްތަކުންނޭވެ. ތިޔަބައިމީހުން އެކީ އެކައްޗަކަށް ﷲ އަށް ތައުބާވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ."

2 – ދުޢާކުރުން:

މި އުތްމަތުގެ ސަލަފުއްޞާލިޙުންގެ ފަރާތުން ވާރިދުވެގެންެވެއެވެ. އެބޭކަލުން ރޯދަމަސް ޖެހެން 6 މަހަށްވީމަ އެމަސް ލިބޭތޯ، އަދި އެމަހާ ބައްދަލުވޭތޯ ﷲގެ ހަޟްރަތުގައި އެދި ދުޢާކުރެއެވެ. އަދި ރޯދަމަސް ނިމުމުން 5 މަސްވަންދެން އެރޯދަމަހުގައި ކުރެވުނު އަޅުކަންތައް ޤަބޫލުކުރައްވާތޯވެސް ދުޢާކުރެއެވެ.

އެހެންކަމުން، މިރޯދަމަހުގައި އަޅުކަންތަކުގައި މަޝްޣޫލުވެ އުޅުމުގެ އަދި މި ރޯދަމަހުގެ ފުރިހަމަ ޡަވާބާއި ދަރުމަ ލީބޭތޯ ކޮންމެ މީހަކުމެ ދުޢާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

3 – މިމަތިވެރި މާތް މައްސަރާއި ބައްދަލުވާތީ އެކަމާ އުފާކުރުން:

މާތްﷲ ގެ ނިޢުމަތްތަކުގެ ތެރެއިން މުސްލިމުއަޅާއާ ބައްދަލުކުރާ ވަރަށްވެސް ޙާއްޞަ އަދި ބޮޑު ނިޢުމަތެއްކަމުގައި މިމަސް އޭނަޔާ ބައްދަލުކުރުންވެގެންދެއެވެ. އެހެނީ މިއީ ހެޔޮކަމުގެ މޫސުމެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވޭ މޫސުމެކެވެ. ނަރަކާއިގެ ދޮރުތައް ބަންދުކުރެވޭ މޫސުމެކެވެ. މާތް ﷲގެ ރަޙުމަތް އޮއްސާލެވޭ މޫސުމެކެވެ. އުފާވެރިކަމުގެ މޫސުމެކެވެ.

4- ރޯދަ ޤަޟާކުރުން:

މިއީ ބައެއް ފަހަރު ވަރަށް ގިނަ އަންހެން ބޭކަނބަލުންނަށް ދިމާވާކަމެކެވެ. ކުރީ ރޯދަމަހުގެ ޤަޟާކުރަންޖެހޭ ރޯދަތައް ޝަޢުބާން މަހާ ހަމައަށް ޤަޟާކޮށް ނުނިމި ހުރުމެވެ. މިއީ މައްސަލައެއްނޫނެވެ. އެހެނީ އެކަނބަލުން ގިނަފަހަރު ފިރިމީހާގެ ވާޖިބުތަކާއި އަދި ގޭތެރޭގެ ވާޖިބުތަކުގައި ތާށިވާތަން އާދެއެވެ. އެހެންކަމުން ޝަޢުބާން މަހާ ހަމަޔަށް އަންނައިރުވެސް ބައެއް ރޯދަތައް ޤަޟާ ނުކުރެވި ހުރެދާނެއެވެ. ނަމަވެސް، މިޝަޢުބާން މަހު ބާކީ ހުރި ހުރިހާ ރޯދަތަކެއް ޤަޟާކޮށް ނިންމުމަށް އަވަސްވެގަންނަން ޖެހޭނެއެވެ.

عَنْ أَبِي سَلَمَةَ قَالَ : سَمِعْتُ عَائِشَةَ رَضِيَ اللَّهُ عَنْهَا تَقُولُ : (كَانَ يَكُونُ عَلَيَّ الصَّوْمُ مِنْ رَمَضَانَ فَمَا أَسْتَطِيعُ أَنْ أَقْضِيَهُ إِلا فِي شَعْبَانَ)

މާނައީ: ﷲ ރުއްސުންލެއްވި އަބޫ ސަލަމަތު ވީދާޅުވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. (ބައެއްފަހަރު ތިމަންކަމަނާގެ މައްޗަށް ޤަޟާކުރަންޖެހޭ ރޯދަތައްހުރެއެވެ. ނަމަވެސް ތިމަންކަމަނާއަށް އެރޯދަތައް ޤަޟާކުރެވޭވަރު ވަނީ ޝަޢުބާން މަހުގައި މެނުވީ ނުވެއެވެ.)

5- ރޯދަމަހުގެ ޙުކުމްތަކާއި ބެހޭގޮތުން ބަލައި އޮޅުންފިލުވުން:

މިގޮތުން ރޯދާއި ބެހޭގޮތުން ޢިލްމުވެރީން ލިޔުއްވާފައި ހުންނަ ލިޔުންތައް ކިޔުމާއި ރޯދަމަހާ ގުޅޭގޮތުން ބޭއްވޭ ޙާއްޞަ ދަރުސްތަކުގައި ބައިވެރިވުން ހިމެނެއެވެ. މިކަމުގެ ސަބަބުން ތިމާގެ ރޯދައާ ބެހޭ ފިޤުހު އިތުރުވެ ރޯދަ ފުރިހަމަ ގޮތުގައި ހިފުމުގެ ތައުފީޤު ލިބިގެންދާނެއެވެ. އަދި ތިމާއަށް އެނގޭ މިންވަރުން ރޯދައާ ބެހޭގޮތުން އަނބިދަރީންނަށް އުގަންނައިދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެނގޭ އެއްޗެހި އެހެންމީހުންނަށް ބުނެދިނުމަކީ އެމަޢުލޫމާތުތައް ސިނކުޑީގައި ހަރުލާނެ ކަމެކެވެ.

6- ޝަޢުބާން މަހުގެ ސުންނަތް ރޯދަހިފުން:

عَنْ أُسَامَة بْن زَيْدٍ قَالَ : قُلْتُ : يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ ، قَالَ : ( ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ )

މާނައީ: މާތް ﷲ ރުއްސުންލެއްވި أسامة بن زيد ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޝަޢުބާން މަހު ރޯދަ ހިއްޕަވާ ފަދައިން އެހެން މަހެއްގައި ތިފަދަ ގޮތަކަށް ރޯދަ ހިއްޕަވާ ތަނެއް ނުފެނެއެވެ. ޙަދީޡްފުޅުކުރެއްވިއެވެ:( އެމަހަކީ މީސްތަކުން އެމަހަކާ މެދު ޣާފިލުވެފައިވާ މަހެކެވެ. އެއީ ރަޖަބުމަހާއި ރަމަޟާންމަހާ ދެމެދެވެ. އަދި އެމަހަކީ ޢާލަމްތަކުގެ ވެރި ރައްބަށް އަޅާގެ ޢަމަލުތައް އުފުއްލެވޭ މަހެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލު އުފުއްލެވޭއިރު ރޯދައަށް ހުންނެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ.)

ޝަޢުބާން މަހުގައި އެކަލޭގެފާނު (ޞައްލަﷲ ޢަލަހި ވަސައްލަމް) އާދަޔާޚިލާފަށް ރޯދަ ހިއްޕެވުމުގެ ޙިކުމަތް ވަރަށް ސާފުކޮށް ޙަދީޡުން ބަޔާންވެގެން ހިނގައްޖެއެވެ. އެއީ އެމަހުގައި އަޅުތަކުންގެ ޢަމަލު ﷲގެ ޙަޟްރަތަށް އުފުއްލެވޭ މަސް ކަމަށްވާތީއެވެ. ނަމަވެސް މިއަށް ޢިލްމުވެރީން އިތުރުކުރައްވާ އެހެން ޙިކުމަތެއް ވެސް ވެއެވެ. އެއީ ފަރުޟު ނަމާދުތަކުގެ ކުރިން އިހު ސުންނަތް ކުރާ ފަދައިން ކުރެވޭ ކަމެއްގެ ގޮތުގައިވުމެވެ. ފަރުޟު ނަމާދުގެ ކުރީން ސުންނަތް ކުރުމަކީ ނަމާދަށް ތިމާގެ ޚުޝޫޢަތްތެރިކަން އިތުރުވެ، ފަރުޟު ނަމާދަށް އިތުރު ސަމާލުކަމެއްދެވި ފުރިހަމައަށް ތައްޔާރީވާން ލިބޭތީއެވެ. ހަމަ އެގޮތަށް ޝައުބާން މަހު ރޯދަ ހިފުމަކީ ރަމަޟާން މަހަށް ވެވޭ ތަމްރީނެއްގެ ގޮތުގައި ބައެއް ޢިލްމުވެރީން ސިފަކުރައްވައެވެ.

އިސްވެ ބަޔާންވެގެންދިޔައީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވިދާނެ މުހިންމު ބައެއް ކަންތައްތަކެވެ. މީގެ އިތުރުންވެސް ކުރެވިދާނެ ބައިވަރު މޮޅެތި ކަންތައްތައް ހުރެދާނެ ކަމާމެދު ޝައްކެއްނެތެވެ. ނަމަވެސް މިވަރުން ފުއްދާލާނަމެވެ.

މާތް ﷲ އަޅަމެންނަށް ރަމަޟާންމަހުގެ ރޯދަ ހެޔޮ ގޮތުގައި ހިފުމުގެ ތައުފީޤު ދެއްވާފައިދޭއެވެ. އާމީން!

ޚިޔާލު ފައުޅުކުރުން