ޢިލްމުގެ މާތްކަން

ޝަފީޢު ޢަބްދުއްﷲ

އުއްމަތުގެ ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް އެންމެ ފުރަތަމަ ބާއްވައިލެއްވުނު ވަޙީގެ ބަސްފުޅަކީ "اقرأ" އެވެ. "ކިޔަވާ ވިދާޅުވާށެވެ" މިއެވެ. އެހެންކަމުން، މާތް ﷲ ގެ ޙަޟްރަތުގައި ޢިލްމަށް ދެވިފައިވާ ޝަރަފާއި މަތިވެރިކަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ބާއްވައިލެއްވުނު ވަޙީގެ ފުރަތަމަ ބަސްފުޅުންވެސް އެނގިގެން ދެއެވެ.

ޢިލްމަށް ލިބިފައިވާ ޤަދަރުގެ ސަބަބުން ޢިލްމު ޙާސިލުކުރައްވައިގެން ތިއްބަވާ ޢާލިމުންނާ، ޢިލްމުން މިންވަރެއް ޙާސިލުނުކޮށް ތިބޭ ޖާހިލުންނާ އެއްފަދަ ވެގެނެއްނުވެއެވެ. ((قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ)) (الزمر:9) މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟"

ޢިލްމު އިތުރުކޮށްދެއްވުމަށް އެދި އެއިލާހުގެ ޙަޟްރަތުގައި ދެންނެވުމަށް މާތް ނަބިއްޔާ صلى الله عليه وسلم  އަށް މާތް ﷲ ވަނީ ކީރިތި ޤުރްއާނުގައި އަންގަވާފައެވެ. ޢިލްމު ފިޔަވައި އެހެން އެއްޗެއް އިތުރުކޮށްދެއްވުމަށް އެކަލޭގެފާނަށް ކީރިތި ޤުރްއާން މެދުވެރިކުރައްވާ މާތް ﷲ އިރުޝާދު ދެއްވާފައެއް ނުވެއެވެ. މިކަމުންވެސް ޢިލްމަށް މާތް ﷲ ގެ ޙަޟްރަތުގައި ދެވިފައިވާ މާތްކަމާއި ޝަރަފުވެރިކަން ހާމަވެގެންދެއެވެ. ((وَقُل رَّبِّ زِدْنِي عِلْمًا )) (طه 114) މާނައީ: " އަދި ކަލޭގެފާނު ވިދާޅުވާށެވެ. އަޅުގެ ވެރިރައްބެވެ. މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭއެވެ."

މާތް ﷲ އަޅަކަށް ހެވެއް މިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އެއިލާހުގެ ދީނުގެ ޢިލްމު އެ އަޅަކަށް ދެއްވައެވެ. ދީނުގެ ފަހުމު ނުވަތަ ހެޔޮ ވިސްނުން ދެއްވައެވެ. ކީރިތި ރަސޫލާ صلى الله عليه وسلم މިކަމަށް އިޝާރާތްކުރައްވާ ޙަދީޘްފުޅު ކުރެއްވިއެވެ. (من يرد الله به خيرا يفقهه في الدين) متفق عليه.  މާނައީ: " މާތް ﷲ އަޅަކަށް ހެވެއް މިންވަރު ކުރައްވަން އިރާދަކުރައްވައިފިނަމަ އެ އަޅަކަށް އިސްލާމްދީނުގެ ޢިލްމު (އަދި ދީނުގެ ހެޔޮ ވިސްނުން) ދެއްވައެވެ." ( ބުޚާރީއާއި މުސްލިމް)

ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. އެބައިމީހުން ވާރުތަވެރިންނަށް ވަނީ ނަބީބޭކަލުން ދޫކުރައްވާފައި ވަޑައިގެންނެވި ޢިލްމުގެ ނަސީބު އެބައިމީހުން ލިބިގަންނާތީއެވެ. އެހެނީ، ނަބީބޭކަލުންނަކީ މުދައު ދޫކުރެއްވި ބައެއް ނޫނެވެ. އެބޭކަލުން ދޫކުރެއްވީ ޢިލްމެވެ. އެހެންކަމުން، އެބޭކަލުންގެ ވާރުތަވެރިންނަކީ ޢިލްމުވެރިންނެވެ. ވުމާއެކު ޢިލްމުން މިންވަރެއް ހޯދައިފި މީހަކު ބޮޑުވެގެންވާ ނަޞީބެއް ލިބިގެންފިކަން ކަށަވަރެވެ. ޢިލްމުގެ ސަބަބުން ޢާލިމުން ވަނީ އެހެން ހުރިހާ އަޅުތަކުންގެ މައްޗަށް މާތްވެގެންވެއެވެ.

މާތް ނަބިއްޔާ صلى الله عليه وسلم  ޙަދީޘްފުޅު ކުރެއްވިއެވެ. (وفضل العالم على العابد كفضل القمر على سائر الكواكب، وإن العلماء ورثة الأنبياء، إن الأنبياء لم يورثوا دينارا ولا درهما إنما ورّثوا العلمَ فمن أخذه أخذ بحظ وافر) (أخرجه أبو داود والترمذي) މާނައީ: " އަދި ޢިލްމުވެރިޔާގެ މަތިވެރިކަން އަޅުވެރިޔާގެ މައްޗަށްވާކަން ކަށަވަރީ ހަނދުގެ މާތްކަން އެހެން ހުރިހާ ތަރިތަކެއްގެ މައްޗަށްވާ ފަދައިންނެވެ. އަދި ހަމަކަށަވަރުން ދަންނަބޭކަލުންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ހަމަކަށަވަރުން، ނަބީބޭކަލުން ތަރިކައިގެ ގޮތުގައި ދީނާރެއް ދިރުހަމެއް ދޫނުކުރައްވައެވެ. އެބޭކަލުން ތަރިކައިގެ ގޮތުގައި ދޫކުރައްވައި ވަޑައިގެންނެވީ ޢިލްމެވެ. ފަހެ، އެ ޢިލްމު ލިބިގެންފި މީހާ ބޮޑުވެގެންވާ ނަޞީބެއް ހޯދައިގެންފިކަން ކަށަވަރެވެ."

އަދިވެސް މި ޙަދީޘްފުޅުގެ ކުރީބައިގައި، ޢިލްމުވެރިޔާއަށް ލިބިގެންވާ މަތިވެރިކަން ބަޔާންކުރައްވާފައިވެއެވެ. އެގޮތުން، އޭނަގެ ފާފަ ފުއްސެވުމަށް މާތް ﷲ ގެ ޙަޟްރަތުގައި ހުރިހާ މަޚްލޫޤުން ދަންނަވާ ކަމަށް އައިސްފައިވެއެވެ. (وإن العالم ليستغفر له كلَّ شيءٍ حتى الحيتان في الماء) މާނައީ: " ހަމަކަށަވަރުން ޢިލްމުވެރިޔާ އަށްޓަކައި ހުރިހާ މަޚްލޫޤުން އިސްތިޣްފާރު ކުރާނެއެވެ. ފެންގަނޑުގައިވާ މަހަށް ދާންދެނެއެވެ."

އަދި ހަމައެހެންމެ، މާތް ﷲ ގެ ރުއްސެވުން އެދިގެން ޢިލްމު ޙާސިލުކުރަން ނުކުމެއްޖެ މީހަކަށް މާތް ﷲ ސުވަރުގެއަށް ދިއުމަށް މަގު ތަނަވަސްކޮށްދެއްވައެވެ. އަދި އެމީހަކަށްޓަކައި މަލާއިކަތް ބޭކަލުންގެ ވަރަފުޅުތަކުން ހިޔާ އަޅުއްވައެވެ. (من سلك سبيلا يبتغي به علما، سهَّل الله له طريقا إلى الجنة، وإن الملائكة لتضع أجنهتها لطالب العلم رضا بما يصنع) މާނައީ:" ޢިލްމު އުނގެނުމުގެ މަގުގައި ނުކުމެއްޖެ މީހަކަށް ސުވަރުގެ ދިއުމަށް ﷲތަބާރަކަ ވަތަޢާލާ މަގެއް ތަނަވަސް ކޮށްދެވައެވެ. އަދި ހަމަކަށަވަރުން އުނގެނޭ މީހާ ދެކި ރުހި އެމީހެއްގެ މައްޗަށް މަލާއިކަތް ބޭކަލުންގެ ވަރަފުޅުތަކުން ހިޔާ އަޅުއްވާނެއެވެ."

ޝަރުޢީ ޢިލްމު އުނގެނުމުގެ މާތް ކަމާއި މަތިވެރިކަން ހުރީ މިފަދައިންނެވެ. އެހެންކަމުން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމަކުވެސް މާތް ﷲ ގެ ދީނުގެ ޢިލްމުން ކޮންމެވެސް މިންވަރެއް ލިބޭތޯ މަސައްކަތް ކުރަންވާނެއެވެ.

ﷲ ގެ ދީނުގެ ފޮތްތައް ބަލައި، ދަރުސްތައް އަޑުއަހައި، ޤުރުއާން ހިތު ދަސްކޮށް، އޭގެ ތަފްސީރު ބަލައި، ޙަދީޘް ފޮތްތައް ބަލައި، އޭގެ ޝަރަޙަ ދިރާސާކޮށް ހެދުމަކީ އަޅުގަނޑުމެންގެ ދުވަހުގެ ތާވަލުގެ ތެރޭގައި ހިމެނުން މުހިންމު ކަންތަކެވެ. މިއީ ގޭގައި ތިބެގެންވެސް ކުރެވިދާނެ ކަމެކެވެ.

މާތް ﷲ އަޅަމެންނަށް އެއިލާހުގެ ދީނުގެ ޢިލްމާއި ހެޔޮ ވިސްނުން ދެއްވާފާދޭއެވެ. އާމީން!

ޚިޔާލު ފައުޅުކުރުން