ރާއްޖޭގައި ހިނގަމުން މިދާ ސިޔާސީ ހަމަނުޖެހުން ޙައްލުކުރުމަށް، ބޭރުގެ ސިފައިން ރާއްޖެ އެރުމަށް ބައެއް މީހުން ދަނީ ގޮވާލަމުންނެވެ. ފާޅުކަން ބޮޑު ގޮތެއްގައެވެ. މިކަމުގެ ޚުޠޫރަތްތެރިކަމާމެދު އެއްވެސް މިންވަރަކަށް މިބައިމީހުން ވިސްނާފައިވާ ހެނެއް ހިއެއްނުވެއެވެ. އަދި ވިސްނާ ހެނެއްވެސް ހިއެއް ނުވެއެވެ.
ރާއްޖެގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުން ޙައްލު ކުރަން އިންޑިޔާ ސިފައިން ރާއްޖެއަށް އެރުމުގެ މާނައަކީ ރާއްޖޭގެ ސިފައިންނާއި ގިނަ ރައްޔިތުންތަކަކާ ދެކޮޅަށް ނުކުމެ އިނޑިޔާ ސިފައިން ކުރިމަތިލާ ހަނގުރާމަކުރުމެވެ. އެހެނީ، އިންޑިޔާ ސިފައިން ރާއްޖެއަށް ބޭނުންގޮތަކަށް އަރައި ރާއްޖޭގެ މިނިވަންކަން ނަގައިލާތަން ބަލަހައްޓައިގެން ދިވެހި ލޭ ހިނގާ ދަރިއެއް ނުހުންނާނެއެވެ.
ތެދެކެވެ. ރާއްޖޭގެ ސިފައިންގެ ހަތިޔާރު މަދެވެ. އަދަދުވެސް މަދެވެ. ފެންވަރުވެސް ދަށެވެ. ނަމަވެސް، ބޭރު ބައެއްގެ އަތް ދަށަށް މި ދިވެހި ޤައުމު ދިޔަ ނުދޭން ކުރެވުނު ހުރިހައި ކަމެއް ކުރާނެ ކަމާމެދަކު ޝައްކެއްނެތެވެ. މީގެ މާނައަކީ ކޮބައިތޯއެވެ؟ މީގެ މާނައަކީ، އެފަދަ ދުވަހަކީ، ދިވެހިންގެ ލެއިން މި ފަސްގަނޑުގައި ކޯރު ހެދިގެންދާނޭ ދުވަހެކެވެ. އޭރުން ދުވަހަކު ކޮޅުންވެސް މި ޤައުމަށް ހަމަޖެހުމެއް އަންނާނެތޯއެވެ؟
މިފަދަ ޚުޠޫރަތްތެރި ވާހަކައެއް ދެއްކުމުން، މާތް ﷲ ހަމަބުއްދީގެ ނިޢުމަތް ދެއްވާފައިވާ ބައެއް ރައްޔިތުން އެކަމާ ދެކޮޅު ހެދުމުން، ދެން ދައްކަމުންދާ ވާހަކައަކީ، އިންޑިޔާ ސިފައިން މީގެ ކުރިންވެސް ވަނީ ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ ރާއްޖެ ސަލާމަތްކޮށްދީފައި ކަމެވެ. ނަމަވެސް، މިއީ ތާކުންތާކު ނުޖެހޭ ވާހަކައެއްކަން އެހެން ބުނި މީހާއަށްވެސް އެނގޭނެއެވެ. ސަބަބަކީ، އޭރު އިންޑިޔާ ސިފައިން އައީ ރާއްޖޭގެ ސިފައިންނާއި ރައްޔިތުންނާ ކުރިމަތިލާކަށެއް ނޫނެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ސަރުކާރުގެ އެދުމުގެ މަތިންނެވެ. ބޭރުން އެރި ކުލީ ސިފައިންތަކަކާ ކުރިމަތިލާށެވެ. ނަމަވެސް، މިފަހަރު އިންޑިޔާ ސިފައިން ކުރިމަތިލާން ޖެހޭނީ ރާއްޖޭގެ ސަލާމަތީ ބާރުތަކާއި ރައްޔިތުންނާއެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ލޭ އޮހޮރުމަކުން ނޫނީ ނިމިގެނެއް ނުދާނެއެވެ.
މިފަދައިން ކަންތައް އޮތް އިރު، އިންޑިޔާ ސިފައިން ރާއްޖެ އަރަން ގޮވައިލާނީ ޤައުމަށް ޣައްދާރުވާ ޚާއިނެއް ނޫނީ ދެން ކާކުތޯއެވެ؟ އަދި އެފަދަ މީހަކަށް އެއްބާރުލުން، ދީނީ ޤައުމީ ލޯބި ހިނގާ ބަޔަކު ދޭނެތޯއެވެ؟
ޚިޔާލު ފައުޅުކުރުން