ހުކުރު ދުވަހުގެ މާތްކަމާއި ނަބިއްޔާއަށް ހުކުރު ދުވަހުގައި ޞަލަވާތް ކިޔެވުން

ޝަފީޢު ޢަބްދުއްﷲ

 

الحمد لله رب العالمين والصلاة والسلام على أشرف الأنبياء والمرسلين نبينا محمد وعلى آله وصحبه أجمعين.

އިސްލާމް ދީނުގައި ބައެއް ދުވަސްތަކާއި ރޭތަކަށް ޚާއްޞަ މާތްކަމާއި މަތިވެރިކަމެއް ދެއްވައިފައިވެއެވެ. އެގޮތުން، ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މުސްލިމުންނަށް ދެއްވައިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. މި ދުވަހުގައި އެތައް ހެޔޮކަމެއް ޖަމާވެފައިވެއެވެ.

 

ހުކުރު ދުވަހުގެ މާތްކަން ޤުރްއާނާއި ސުންނަތުންކީރިތި ޤުރްއާނުގައި "ސޫރަތުލް ޖުމްޢަ"އިގެ (ހުކުރުގެ) ނަމުން ނަންދެވިފައިވާ ސޫރަތެއްވެއެވެ. މި ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. "يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ" (سورة الجمعة: 9) މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރު ދުވަހުގެ ނަމާދަށް ގޮވައިލެވުމުން، ތިޔަބައިމީހުން ﷲ ހަނދުމަ ކުރުމަށް (އެބަހީ: ހުކުރު ނަމާދަށް) ހިނގައިގަންނާށެވެ! އަދި ވިޔަފާރި ކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުންނަށް އެނގޭ ކަމުގައިވާ ނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ." ޢިލްމުވެރީން ބަޔާންކުރައްވާ ގޮތުން މިއީ މި ދުވަހަށް ޚާއްޞަ މާތްކަމެއް ލިބިގެންވާ ކަން ދަލީލުކޮށްދޭ އާޔަތެކެވެ.

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘްފުޅުތަކުން ހުކުރު ދުވަހުގެ މާތްކަން ބަޔާންވެފައިވަނީ ވަރަށް ސާފުކޮށެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا، وَلَا تَقُومُ السَّاعَةُ إِلَّا فِي يَوْمِ الْجُمُعَةِ" (مسلم: 854) މާނައީ: " އެ ދުވަހަކަށް އިރު އެރި އެންމެ ހެޔޮ ދުވަހަކީ ހުކުރު ދުވަހެވެ. އާދަމްގެފާނު ޚަލްޤުކުރެއްވުނީ އެ ދުވަހުއެވެ. އަދި އެ ދުވަހު އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެ ދުވަހު ސުވަރުގެއިން ނެރުއްވުނެވެ. އަދި ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތް ޤާއިމެއް ނުވާ ހުއްޓެވެ."

 

ހުކުރު ދުވަހުގައި ކުރުން މާތްވެގެންވާ ކަންކަންހުކުރު ދުވަހަކީ ހެޔޮކަންތައްތައް ގިނަގިނައިން ކުރުމަށް ބާރުއަޅުއްވައިފައިވާ ދުވަހެކެވެ.

ހުކުރު ނަމާދަށް ޓަކައި ހިނައިގަތުން: މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "غُسْلُ يَوْمِ الْجُمُعَةِ وَاجِبٌ عَلَى كُلِّ مُحْتَلِمٍ" (متفق عليه) މާނައީ: "ހުކުރު ދުވަހު ހިނައިގަތުމަކީ ބާލިޣުވެފައިވާ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެކެވެ."ވަސްމީރު ހުވަދުލައި ރީތި ފޭރާމެއް ލުމާއި، މިސްކިތަށް އަވަހަށް ދިޔުން: ހިނައިގަތުމަށް ފަހު ސާފު ރީތި ހެދުން އެޅުމާއި، ވަސްމީރު ހުވަދުލުމާއި، މިސްކިތަށް އަވަހަށް ދިއުމަކީ ވަރަށް މަތިވެރިވެގެންވާ ކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "مَنِ اغْتَسَلَ يَوْمَ الْجُمُعَةِ، وَتَطَهَّرَ بِمَا اسْتَطَاعَ مِنْ طُهْرٍ، ثُمَّ ادَّهَنَ، أَوْ مَسَّ مِنْ طِيبٍ، ثُمَّ رَاحَ فَلَمْ يُفَرِّقْ بَيْنَ اثْنَيْنِ، فَصَلَّى مَا كُتِبَ لَهُ، ثُمَّ أَنْصَتَ إِذَا تَكَلَّمَ الإِمَامُ، إِلَّا غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الْأُخْرَى" (البخاري: 883) މާނައީ: "ހުކުރު ދުވަހު ފުރިހަމައަށް ހިނައިގަނެ، އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން ރަނގަޅަށް ޠާހިރުވެ، އޭގެ ފަހުގައި ތެޔޮ ނުވަތަ މީރުވަސްދުވާ އެއްޗެއް ބޭނުންކޮށް، ދެން މިސްކިތަށް ދިޔުމަށް ފަހު، އިށީނދެ ތިބި މީހުންތައް ދުރުކުރުމެއް ނެތި، އެމީހަކަށް މިންވަރުވެފައިވާ ވަރަކަށް (ސުންނަތް) ނަމާދުކޮށް، އިމާމު ޚުޠުބާ ދޭން ފެށުމުން އަޑުއަހައި ހަމަހިމޭންވެ އިންނަ މީހާއަށް، އެ ހުކުރާއި ޖެހިގެން އަންނަ ހުކުރާ ދެމެދުގައި އޭނާ ކޮށްފައިވާ (ކުދިކުދި) ފާފަތައް މާތްﷲ ފުއްސަވައި ދެއްވާނެއެވެ."ސޫރަތުލް ކަހްފު ކިޔެވުން: މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "مَنْ قَرَأَ سُورَةَ الْكَهْفِ فِي يَوْمِ الْجُمُعَةِ أَضَاءَ لَهُ مِنَ النُّورِ مَا بَيْنَ الْجُمُعَتَيْنِ" (مستدرك الحاكم: 3392) މާނައީ: "ހުކުރު ދުވަހު ސޫރަތުލް ކަހްފު ކިޔަވައިފި މީހާއަށް ދެ ހުކުރާ ދެމެދު ނޫރެއް ލައްވާނެތެވެ."ދުޢާ އިޖާބަވާ ވަގުތު: ހުކުރު ދުވަހުގައި ދުޢާ އިޖާބަވާ ވަގުތެއްވާކަން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކުރައްވައިފައިވެއެވެ. "إِنَّ فِي الْجُمُعَةِ لَسَاعَةً لَا يُوَافِقُهَا مُسْلِمٌ وَهُوَ قَائِمٌ يُصَلِّي يَسْأَلُ اللَّهَ شَيْئًا إِلَّا أَعْطَاهُ إِيَّاهُ" (متفق عليه) މާނައީ: "ހަމަކަށަވަރުން، ހުކުރު ދުވަހުގައި ޚާއްޞަ ވަގުތެއް ވެއެވެ. އެ ވަގުތާ ދިމާވެ، ނަމާދަށް ޤާއިމުވެ ހުރެ، އީމާންކަމާއެކު އަޅުކަން ކުރަމުންދާ މުސްލިމަކު، މާތްﷲ ގެ ޙަޟްރަތުން އެއްވެސް ކަމަކަށް ދުޢާ ދަންނަވައިފިނަމަ، ﷲ ސުބުޙާނަހޫ ވަތަޢާލާ އެ ދުޢާ އިޖާބަ ނުކުރައްވާ ދޫކޮށްލައްވާނެ ކަމެއް ނުވެއެވެ. އެކަލާނގެ އެ އަޅާގެ ދުޢާ ޤަބޫލުކުރައްވާ، އެދުނު ކަން މިންވަރު ކުރައްވާނެއެވެ."

ގިނަ ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި އެ ވަގުތެއް ދިމާވަނީ ޢަޞްރު ނަމާދަށް ފަހު އިރު އޮއްސުމާ ދެމެދުގައެވެ.

 

ޞަލަވާތްކިޔެވުމުގެމާތްކަންމާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވައިފައިވެއެވެ. "إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى النَّبِيِّ ۚ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا" (الأحزاب: 56) މާނައީ: "ހަމަ ކަށަވަރުން ﷲއާއި އެ އިލާހުގެ މަލާއިކަތުން، ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ވެސް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! އަދި ސަލާމް ގޮވާށެވެ!"މި އާޔަތުން ދޭހަވަނީ ﷲ ތަޢާލާއާއި އެއިލާހުގެ މަލާއިކަތުން ވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ލައްވާ  ކަމެވެ. އެހެންކަމުން، އަޅުގަނޑުމެން ވެސް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެވެ.

މާތް ﷲ ތަޢާލާ އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަކީ އެ އިލާހު އެކަލޭގެފާނުގެ މައްޗަށް ޘަނާ ވިދާޅުވެ، ރަޙްމަތް ތަނަވަސްކުރައްވައި، އެކަލޭގެފާނުގެ ދަރަޖަ އިތުރަށް މަތިވެރިކުރެއްވުމެވެ. އަދި މަލާއިކަތުން އެކަލޭގެފާނަށް ޞަލަވާތް ލެއްވުމަކީ އެކަލޭގެފާނުގެ މައްޗަށް ރަޙްމަތާއި ބަރަކާތް ލެއްވުމަށާއި، އެކަލޭގެފާނުގެ ދަރަޖަ އުފުއްލެވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. މުއުމިނުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަލޭގެފާނަށް ރަޙްމަތް ލެއްވުމަށާއި، އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރެއްވުމަށާއި، އެކަލޭގެފާނުގެ ޒިކުރު އުފުއްލެވުމަށް އެދި ދުޢާ ދެންނެވުމެވެ.

ޞަލަވާތް ކިޔެވުމުގެ ސަބަބުން ލިބޭ މަތިވެރިކަމާ ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "مَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ بِهَا عَشْرًا" (مسلم: 384) މާނައީ: "ތިމަންކަލޭގެފާނަށް އެއް ފަހަރު ޞަލަވާތް ކިޔަވައިފި މީހާއަށް ﷲ ތަޢާލާ ދިހަ ފަހަރު ޞަލަވާތް ލައްވާނެއެވެ."މީގެ އިތުރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއވެެ. "أَوْلَى النَّاسِ بِي يَوْمَ الْقِيَامَةِ أَكْثَرُهُمْ عَلَيَّ صَلَاةً" (الترمذي: 484) މާނައީ: "ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނަށް އެންމެ ގާތްވެގެންވަނީ ތިމަންކަލޭގެފާނަށް އެންމެ ގިނައިން ޞަލަވާތް ކިޔަވާ މީހުންނެވެ."

އެހެންކަމުން، އަޅުގަނޑުމެން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެވެ. މިއީ އަޅުގަނޑުމެން އެކަލޭގެފާނު ދެކެ ލޯބިވާކަމާއި، އެކަލޭގެފާނަށް ޤަދަރުކުރާކަން ދައްކުވައިދޭ ކަމެކެވެ. އަދި މި ޢަމަލުގެ ސަބަބުން އެންމެ ބޮޑަށް ފައިދާ ކުރާނީ އަޅުގަނޑުމެންނަށެވެ. އެހެނީ، މި ޢަމަލަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދުމަށް އޮތް މަގެއްކަމުގައިވާތީއެވެ.

 

ހުކުރު ދުވަހު ޞަލަވާތްކިޔެވުމުގެ މާތްކަންއިސްވެ ދެންނެވުނީ ޖުމްލަ ގޮތެއްގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔެވުމުގައި ހުރި މާތްކަމާ ބެހޭ ގޮތުންނެވެ. ހުކުރު ދުވަހު އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އަދި އިތުރަށް މާތްވެގެންވާ ކަމެއް ކަން އަޅުގަނޑުމެންނަށް ޙަދީޘްފުޅުތަކުން އެނގިގެން ދެއެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވެއެވެ. "أَكْثِرُوا عَلَيَّ مِنَ الصَّلَاةِ يَوْمَ الْجُمُعَةِ وَلَيْلَةَ الْجُمُعَةِ، فَمَنْ صَلَّى عَلَيَّ صَلَاةً صَلَّى اللَّهُ عَلَيْهِ عَشْرًا" (البيهقي، وحسنه الألباني) މާނައީ: "ހުކުރު ދުވަހުގައާއި ހުކުރު ވިލޭރޭ ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔެވުން ގިނަ ކުރާށެވެ! ފަހެ، ތިމަންކަލޭގެފާނަށް އެއް ފަހަރު ޞަލަވާތް ކިޔަވައިފި މީހާއަށް ﷲ ދިހަ ފަހަރު ޞަލަވާތް ލައްވާނެއެވެ." މީގެ އިތުރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައިވެއެވެ. "إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمُ الْجُمُعَةِ: فِيهِ خُلِقَ آدَمُ، وَفِيهِ قُبِضَ، وَفِيهِ النَّفْخَةُ، وَفِيهِ الصَّعْقَةُ، فَأَكْثِرُوا عَلَيَّ مِنَ الصَّلَاةِ فِيهِ، فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ" (أبو داود: 1047) މާނައީ: "ހަމަ ކަށަވަރުން ތިޔަބައިމީހުންގެ އެންމެ ހެޔޮ ދުވަސްތަކުގެ ތެރޭގައި ހުކުރު ދުވަސް ހިމެނެއެވެ. މި ދުވަހު އާދަމް ޢަލައިހިއްސަލާމް ޚަލްޤުކުރެއްވުނެވެ. އަދި އެކަލޭގެފާނު އަވަހާރަވެފައިވަނީ މި ދުވަހުއެވެ. އަދި ތާޅަފިލި ފުމެލެއްވޭނީ މި ދުވަހުގައެވެ. އަދި އެ އަޑަށް މީސްތަކުން ހޭނެތިގެން މަރުވެގެން ވެއްޓޭނީ ވެސް މި ދުވަހުގައެވެ. ފަހެ، ތިޔަބައިމީހުން މި ދުވަހުގައި ތިމަންކަލޭގެފާނަށް ޞަލަވާތް ކިޔެވުން ގިނަ ކުރާށެވެ. ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ޞަލަވާތްތައް ތިމަންކަލޭގެފާނަށް ހުށަހެޅުއްވޭނެތެވެ."

މި ޙަދީޘްފުޅުން ސާފުކޮށް ހާމަވާ ގޮތުގައި، ހުކުރު ދުވަހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ ވަރަށް މަތިވެރި އަޅުކަމެކެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަކީ އެކަލޭގެފާނުގެ ޝަފާޢަތް ލިބިގަތުމަށް މަގުފަހިވާނެ ކަމެއް ކަމުގައި ވެސް ޢިލްމުވެރިން ބަޔާންކުރައްވައެވެ.

 

ނިންމައިލަމުން ދަންނަވާލަން އޮތީ، ހުކުރު ދުވަހަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދެއްވައިފައިވާ ވަރަށް އަގުހުރި މަތިވެރި ދުވަހެއް ކަމެވެ. މި ދުވަހުގެ ބަރަކާތާއި މާތްކަން ބޮޑެވެ. ޤުރްއާނާއި ސުންނަތުން މިކަން ވަރަށް ސާފުކޮށް ބަޔާންވެފައިވެއެވެ. އެހެންކަމުން، މި ދުވަހުގެ މަތިވެރިކަމާއި މި ދުވަހުގައި ލެއްވިފައިވާ ހެޔޮސަވާބާއި ދަރުމަ ހޯދުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރުން ވަރަށް މުހިންމެވެ. ޚާއްޞަކޮށް، ހިނަައި ސާފުޠާހިރުވެގެންް، މީރުވަސްދުވާ ހުވަދުލައިގެން، ހުކުރު ނަމާދަށް އަވަހަށް ގޮސް، ސޫރަތުލް ކަހްފް ކިޔަވައި، އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔެވުމަކީ އަޅުގަނޑުމެންގެ ޙަޔާތަށް ބަރަކާތާއި ހެޔޮ ރަޙްމަތްް ތަނަވަސްވެގެންދާނޭ ކަމެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް މި ދުވަހުގެ ބަރަކާތާއި މާތްކަން މިންވަރުކުރައްވާށި.  އާމީން!

 

(މިއީ ޓީއެންއެން.އެމްވީ ގައި ޝާއިޢުކުރާން ލިޔުނު ލިޔުމެކެވެ.)

ޚިޔާލު ފައުޅުކުރުން