އެއްފަހަރަކާއި، ޤައުމެއްގެ ގިނަ އަދަދެއްގެ އިއްޒަތްތެރިން "ބަރަހަނާ" ވެގެން ދިޔަ މިއީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ރިކޯޑެކެވެ. ސައްތައިން ސައްތަ ކުޑަ ކުޑަ ދިވެހި ރާއްޖޭގެ ސިޔާސީ މައިދާނަށް އައި "ބިން ހެލުމެކެވެ".
ކަން ހިނގި ގޮތާއި، ހައްޔަރު ކުރެވުނު މީހުންގެ ވާހަކައަކީ މިހާރު އެންމެން ދަންނަ ބޮޑު ޙަޤީޤަތެކެވެ. އެހެންކަމުން، އެ ދިމާލަށް ދިޔުމަށް ގަސްތެއް ނުކުރަމެވެ. އަޅުގަނޑު ބަލާލަން ބޭނުންވަނީ، މިފަދަ ކަމެއް ހިނގާ ދިޔައިމައި، އެއްކަލަ އިއްޒަތްތެރިންގެ ޒިންމާއަކީ ކޮބައިކަމާ މެދުގައެވެ. އަދި ފުލުހުން އެއް ފަރާތް ހައްޔަރުކޮށް ތަޙްޤީޤު ކުރަމުންދާ މައްސަލައާމެދުގައެވެ.
އާދެ، ދަންނަވަން މިއުޅެނީ، ފުލުހުންނަކީ، މިނިވަން މުއައްސަސާއަކަށްވެފައި، ކޮމްޕިއުޓަރު ތަކުގެ އެއްފަރާތުގައި ތިބެގެން އެކަން ކުރި މީހުން ހައްޔަރު ކުރިއިރު، ކޮމްޕިއުޓަރުގެ އަނެއް ފަރާތުގައި ތިބެގެން ބަދު އަޚްލާޤީ މަންޒަރުތައް ކުޅުނު މީހުން ކޮބައިތޯއެވެ؟
ދިވެހި ރާއްޖޭގައި ބަދު އަޚްލާޤީ އޮރިޔާން މަންޒަރުތައް ކުޅެ މީހުންނަށް ދެއްކުމަކީ މަނާ ކަމެއް ނޫންތޯއެވެ. އެހެންކަމަށްވަންޏާ، އެ މަންޒަރު ކުޅުނު މީހުން، ކޮމްޕިއުޓަރުގެ އަނެއް ފަރާތުގައި އިން "އަންހެން ކުއްޖާއަށް" (ނުވަތަ ބުލެކްމެއިލަރުންނަށް) ދެއްކުމަކީ ތަޙުޤީޤު ކުރަން ޖެހޭ ފަދަ ބޮޑު ކުށެއް ނޫންތޯއެވެ. ފުލުހުން އެއްފަރާތް ތަޙުޤީޤު ކުރުމަކީ އިންޞާފެއް ތޯއެވެ. ފުލުހުންނަކީ މިނިވަން މުއައްސަސާއެކޭ ބުނެ ކުރާ ދައުވާގެ ބުރަދަނަކީ ކޮބައޮތޯއެވެ. މިނިވަން މުއައްސަސާއެއްނަމަ، ދެ ފަރާތް ބަންދުކުރެވި ތަޙުޤީޤު ކުރެވެން ޖެހޭނެއެވެ. އެއްވެސް ފަރުދެއްގެ މެދުގައި ތަފާތުކުރުމެއް އޮވެގެން ނުވާނެއެވެ. އިއްޒަތްތެރިޔާއި ނިކަމެތިމީހާ ފުލުހުންގެ ކުރިމަތީގައި ހަމަހަމަވާން ޖެހޭނެއެވެ.
އާދެ، ޕްރެސް ސެކްރެޓަރީ، މުޙަންމަދު ޒުހެއިރު ވިދާޅުވަނީ: "މި ހިންގައިގެން އުޅޭ ޖަރީމާއެއްގައި ޝާމިލު ވަނީ ދެ ފަރާތެއް. އެއް ފަރާތަކީ އެ ޖަރީމާ ހިންގި މުޖުރިމުންކަމުގައި ތުހުމަތުކުރެވިފައިވާ މީހުން ބޭނުންކުރި ސޮފްޓްވެއާއެއްގައި ހަދައިފައި ހުރި އަސްލީ ނޫން ތަސްވީރުތަކެއް. ހަމަ އެގޮތަށް ފުލުހުން ޔަގީންކުރައްވަންވާނެ އޭގެ އަނެއް ފަޅިން ދައްކަވާ ތަސްވީރުތަކަކީ ވެސް ހަދައިފައި ހުރި އަސްލީނޫން ތަސްވީރުތަކެއްތޯ. އެ ވިދާޅުވި ގަޑިއެއްގައި އެ ވިދާޅުވި ވަގުތަކަށްތޯ. އެހެންނޫނިއްޔާ ހަމަ ވަކި ބޭފުޅުންގެ ތެރެއިން ވަކި ބަޔަކު ގަސްތުކުރައްވާ ބޭފުޅުންނަކަށް އަމާޒުކުރެވި، ބައެއް ނަންފުޅުތައް ވެބްސައިޓުތަކުގައި އާއްމުވެސް އެބަކުރައްވައި،" ކަމަށެވެ.
އާދެ، އަޅުގަނޑު ޒުހައިރަށް ދަންނަވާލަން އޮތީ، ކޮމްޕިއުޓަރުގެ އަނެއް ފަރާތުގައި ތިބެގެން މަންޒަރު ކުޅުނު މީހުން އެއީ ފޭކު މަންޒަރުތަކެއް ނަމަ، ގިނަ އަދަދެއްގެ ފައިސާ ބުލެކްމެއިލަރުންގެ އެކައުންޓުތަކަށް ޖަމާކުރުމުގެ ބޭނުމަކީ ކޮބައިތޯއެވެ. އިންސާނީ ބުއްދި ދަލީލުކޮށްދެނީ އަސްލު އެއްޗެހިތަކެއް ނޫންނަމަ، އެފަދައިން ބުލެކުމެއިލު ނުކުރެވޭނެކަމެވެ.
ކޮންމެއަކަސް، އަޅުގަނޑު ވެސް ދެކޭގޮތުގައި، ތެދު ދޮގު ކަނޑައެޅޭނީ ތަޙުޤީޤެއް ކުރެވިގެންނެވެ. ތެދަކަށް ވެއްޖެނަމަ، އެ އިއްޒަތްތެރިން އިސްތިއުފާ ދޭން ޖެހޭނެއެވެ. ނުދީފިނަމަ، ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ހުރި ބޭފުޅެއްނަމަ، އެ ބޭފުޅެއް ވަޒީފާއިން ވަކި ކުރުމަކީ، އެންމެ ރީތި ޑިމޮކުރެޓިކް ގޮތެވެ. މިސާލަކަށް، މީގެ ހަފްތާތަކެއް ކުރީން، އެމެރިކާގެ ގަވަނަރެއް އިސްތިއުފާ ދިނެވެ. އޭނަ އިސްތިއުފާ ދޭން ޖެހުނީ، ޑޭޓިން މެގަޒިންއެއްގައި ޓީޝާޓް ނުލައި ހުންނަވައިގެން ޕޮޓޯއެއް ޖެއްސެވުމުންނެވެ. ހަމައެފަދައިން، އަޅުގަނޑުމެންނަށް ފެންނަމުންދާ ހަޤީޤަތަކީ އެމެރިކާ އިނގިރޭސި ވިލާތް ފަދަ ތަންތަނުގައި ސަރުކާރުގެ ވެރީންނާއި އިއްޒަތްތެރިން އެއަށްވުރެ ކުދި ކަންތަކާއި ހެދި އިސްތިއުފާ ދޭން ޖެހޭ ތަނެވެ.
އެހެންކަމުން، މި މައްސަލަ ދެ ފުށް އެނގޭ ގޮތަށް، އިންސާފުން، ދެ ފަރާތުގައި ތިބި މީހުން ތަޙްޤީޤު ކުރުން ލާޒިމެވެ. އަދި، އެކަމުގައި ސަރުކާރުގެ އިއްޒަތްތެރިންގެ ކުށެއް ވާނަ، އެބޭފުޅުންނަށް އަދަބު ދެވެން ޖެހޭނެއެވެ. މަޤާމުން ވަކި ކުރެވި ނުވަތަ އަމިއްލައިން އިސްތިއުފާ ދޭންޖެހޭނެއެވެ. މިއީ އާދާއިގެ ކަމެއް ނޫނެވެ. ދުނިޔެ ހައިރާން ކޮށްލި ސިޔާސީ ވަރުގަދަ "ބިންހެލު"މެކެވެ.
ޚިޔާލު ފައުޅުކުރުން