މިދިޔަ އަހަރު މާޗު މަހު، ހުކުރު ވަޤުތު، ނިއުޒިލޭންޑްގެ ދެ މިސްކިތަކަށް ވަދެ، 51 މުސްލިމުން މަރާލައި 41 މުސްލިމުން ޒަޚަމްކޮށްލި ކާފަރު ޓެރަރިސްޓަށް ނިއުޒިލޭންޑްގެ ކޯޓުން އިއްޔެ ޙުކުމްކުރީ ޢުމުރަށް ޖަލަށް ލުމަށެވެ.
މިއީ އެއްގޮތަކަށްވެސް އޭނާ ހިންގި ޖަރީމާއާ އެއްފަދަ ވެގެންވާ އަދަބެއް ނޫނެވެ. އޭނާއަށް މަރުގެ އަދަބު ދިނަސް އޭނާގެ ޖަރީމާއަށް އިންޞާފުު ލިބުނު ކަމަކަށް ނުވާނެއެވެ. އެހެނީ، މަދުވެގެން އޭނާއަށް 51 މަރާއި، 41 ޒަޚަމްގެ އަދަބެއް ޙައްޤުވެގެންވެއެވެ. ނަމަވެސް، މި ދުނިޔެ މަތީގައި އިންސާނަކަށް ލިބިގެން ވަނީ އެންމެ ފުރާނައެކެވެ. އެހެންކަމުން، އެއީ އެކަށީގެންވާ ކަމެއް ނޫނެވެ.
މާތް ﷲ އުޚުރަވީ ޙަޔާތެއް ލައްވާފައި ވަނީ މިޙިކުމަތާއެކުގައެވެ. ޤިޔާމަތްދުވަހުގެ ނަންތަކުގެ ތެރެއިން ޙިސާބު ބެއްލެވޭ ދުވަސް ހިމެނިފައިވަނީ މި ސަބަބާ ހެދިއެވެ. އެ ދުވަހަކީ ދުނިޔެ މަތީގައި މި ހިނގަމުންދާ އަނިޔާ އާއި ބޭއިންޞާފަށް ފުރިހަމަ ނިޔާއެއް، އެންމެ ޢަދުލުވެރި އިލާހުގެ ދަރުބާރުގައި، ލިބިގެންދާ ދުވަސް ކަމުގައި ވާތީއެވެ.
ނިއުޒީލޭންޑްގައި މި ޖަރީމާ ހިންގި މުޖުރިމަށްވެސް ޙައްޤު އަދަބު އެދުވަހުން ލިބި، އަނިޔާ ލިބުނު އެންމެންނަށް މާތް ﷲ ގެ ދީލަތި އިންޞާފު ކަށަވަރުވާނެ ކަމާމެދު އެއްވެސް ޝައްކެއްނެތެވެ.
ދެން، މި ޙާދިސާއިން ފާހަގަކުރެވުނު އަނެއް ކަމަކީ، މިކަން ކުރި މީހަކީ، ކުޑައިރުއްސުރެ ވީޑިއޯގޭމަށް ދެވިހިފާފައިވާ މީހެއް ކަމެވެ. އޭނާ އެންމެ ގިނައިން ކުޅެމުން ދިޔައީ ބަޑިޖަހައި މީހުން މަރާ ގޭމެވެ. އޭނާ އުޅެމުން ދިޔަ ޚިޔާލީ ދުނިޔޭގެ އެދުންތައް އެންމެ ފަހުން އޭނާ ފުއްދައިލީ މުސްލިމުންގެ ލެއިންނެވެ.
މިއީ މިއަދު އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ ޅަދަރީންނަށްވެސް މިފަދަ ގޭމުތައް ކުޅުމަށް މަގުފަހިކޮށްދިނުމާއި، އެކުދިންގެ ސިކުނޑިތައް މިފަދަ ގޭމުތަކުގެ ޒަރިޔާއިން ހަލާކުކޮށްލުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ. ޚިޔާލީ ދުނިޔެ އާއި ޙަޤީޤީ ދުނިޔެ ވަކިނުވާ ހިސާބަށް މީހާގެ ސިކުނޑި ގޯސްވެގެން ދާ ވަރަށް މިއަދުގެ ޅަދަރިން ގޭމުގެ ދުނިޔޭގައި ވަޤުތުތައް ހޭދަކުރަމުން ދެއެވެ. މިފަދަ ނުރައްކާތެރި ކަމުން ޅަދަރީން ސަލާމަތްކޮށް، ދުނިޔެ އާއި އާޚިރަތަށް ފައިދާ ހުރި ކަމެއްގައި ޅަދަރީން މަޝްޣޫލުކުރުވުމަކީ މައިންބަފައިންގެ ވާޖިބެކެވެ.
ޚިޔާލު ފައުޅުކުރުން