ހުރިހާ އިންސާނުން ވެސް އިއްތިފާޤުވެ އެއެއްޗެއް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރާ އެއްޗެކީ ބާއްޖަވެރިކަމެވެ. އެހެންކަމުން މި ބާއްޖަވެރިކަމަކީ ކޮބާތޯއެވެ؟
ބާއްޖަވެރިކަމަކީ އިންސާނާ އަތުގައި މުދަލާއި ފައިސާ ފުރިގެން އިތުރުވާ ވަރަށް ހުރުން ތޯއެވެ؟
ބާއްޖަވެރިކަމަކީ އިންސާނުން އެކަކުއަނެކަކުގެ މައްޗަށް މޮޅުއިތުރުވެ، އޭނާގެ ވަށައިގެން، އޭނާގެ އިޝާރާތަކަށް އިންތިޒާރުގައި ޚާދިމުން ތިބުންތޯއެވެ؟
ނުވަތަ ބާއްޖަވެރިކަމަކީ އިންސާނާ އަތުގައި މަޝްހޫރުކަމާއި ރީތިކަމާއި ބަނގުލާ ގާޅީހުރުންތޯއެވެ؟
ނުވަތަ ބާއްޖަވެރިކަމަކީ ވެރިކަމާއި ރަސްކަމާއި ޖާހާމަންސަބު ހުރުންތޯއެވެ؟
ހަމަކަށަވަރުން އިންސާނީ ދިގު ތާރީޚްގައި ވަރަށް ގިނަ މީހުންވަނީ މި ބާއްޖަވެރިކަންލިބޭތޯ އެކި ގޮތްގޮތަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެބައިމީހުން މުޅި ހަޔާތްތައް މިކަމުގައި ފަނާކުރި މީހުން ހިމެނެއެވެ. ނަމަވެސް، ތާކުންތާކުނުޖެހޭ ނުބައިމަގުތަކުން ދިޔުމުގެ ސަބަބުން އެމީހުންނަށްވަނީ އެބާއްޖަވެރިކަމުގެ ދޮރުބަންދުވެ، ބަރުބާދުވެ ހަލާކުވެގޮސްފައެވެ.
އެގޮތުން ފިރުޢައުނާއި އޭނާގެ އަޢުވާނުންވަނީ ރަސްކަމަށް ދަހިވެތިވެ، އެކަމުގައި ނިމި ގޮސްފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައިވަނީ ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުންގެ ވާހަކަ ބަޔާންކުރައްވާފައެވެ. އެގޮތުން ވަޙީކުރައްވަނީ، وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي ۖ أَفَلَا تُبْصِرُونَ [٤٣:٥١]
މާނައީ: " އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންގެ ތެރޭގައި ހުރެ ގޮވައިލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! މިޞްރުގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫންހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟"
އޭނާއަށް ރަސްކަމާއި ވެރިކަން ދެއްވީ ﷲ ސުބުޙާނަހޫ ވަތަޢަލާ ކަން އޭނާ ހަނދާން ނެތުނެވެ. އޭނާގެ ވަށައިގެން ފެން ކޯރުތައް ލެއްވީ ﷲ ސުބުޙާނަހޫ ވަތަޢަލާ ކަން އޭނަ ހަނދާންނެތުނެވެ. އަދި އޭނައަށް ތަބާވާނެ ޤައުމެއް ލެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކަންވެސް އޭނަ ހަނދާންނެތުނެވެ. އެހެންކަމުން، ނިޢުމަތްތަކަށް ކާފިރުވުމުގައި އޭނާ ހައްދުފަހަނަޅައި ދިޔައެވެ. އެގޮތުން، އިލާހުވަންތަކަމަށްވެސް ދަޢުވާކުރިއެވެ. وَقَالَ فِرْعَوْنُ يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَٰهٍ غَيْرِي فَأَوْقِدْ لِي يَا هَامَانُ عَلَى الطِّينِ فَاجْعَل لِّي صَرْحًا لَّعَلِّي أَطَّلِعُ إِلَىٰ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ [٢٨:٣٨]
މާނައީ: " އަދި ފިރުޢައުނު ބުންޏެވެ. އޭ (އަހުރެންގެ ޤައުމުގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން އިލާހެއް ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެތެވެ. އޭ ހާމާނެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسى ގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އޭނާ ދޮގުވެރިންގެ ތެރެއިން ކަމަށެވެ".
އެހެންކަމުން، އޭނާގެ މިނުކިޔަމަންތެރިކަމާއި ބޮޑާކަން ވެގެންދިޔައީ ވަރުގަދަ ހިއްޕެވުމަކުން މާތް ﷲ އޭނާ ހިއްޕެވުމެވެ. އަދި ދިރިތިބީންނަށް ޢިބްރަތެއްގެ ގޮތުގައި ލެއްވިއެވެ. فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَىٰ * إِنَّ فِي ذَٰلِكَ لَعِبْرَةً لِّمَن يَخْشَىٰ ( 79: 25-26) މާނައީ: " ދެން އާޚިރަތާއި ދުނިޔޭގެ ޢުގޫބާތެއްގެ ގޮތުން މާތް ﷲ އޭނާ ހިއްޕެވިއެވެ. ބިރުވެތިވާ މީހަކަށް ހަމަކަށަވަރުން އެކަމުގައި ޢިބްރަތެއްވާކަން ކަށަވަރެވެ."
ޤާރޫން ޖަމާކުރި މުދަލާއި ޚަޒާނަތަކާމެދު އޭނާ ބޮޑާވެގަތެވެ. އެއީ އޭނާގެ މޮޅުކަމުންކަމަށް އިޢުލާނުކުރިއެވެ. އަދި މާތްﷲ ގެ ނިޢުމަތަށް ކުފުރުވެރިވިއެވެ. އެވަޤުތު އެކަލާނގެ ކޯފާ އޭނާގެ މައްޗަށް ހައްޤުވެގެންދިޔައެވެ. އަދި އޭނާ ބިމުގެ އަޑިއަށް ގަންބާލެވުނެވެ. މުދަލާއި ރަނުގެ ކަންޒުތައް ދިޔައީއެވެ. فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ الْمُنتَصِرِينَ [٢٨:٨١]
މާނައީ: "ފަހެ، ތިމަންރަސްކަލާނގެ އޭނާއާއި، އޭނާގެ (ޚަޒާނާތަކާއި) ގެއާއެކުގައި، ބިންގަނޑު ގަންބަވައިގެންނެވީމެވެ. ފަހެ، اللَّه އާ ދެކޮޅަށް އޭނާޔަށް ނަޞްރުދޭނޭ އެއްވެސްބަޔެއް ނުވިއެވެ. އަދި ނަޞްރުލިބޭނޭ މީހުންގެ ތެރެއިންވެސް އޭނާ ނުވިއެވެ".
އަދި ހަމައެފަދައިން، ވަލީދު ބުނު މުޣީރާވެސް ނަސީބު ލިބިގަތުމަތް މަސައްކަތްކުރިއެވެ. އެގޮތުން މާތްﷲ އޭނާ މުދާވެރިކުރައްވާ، ވަރުގަދަ ދަރީންތަކެއް ދެއްވިއެވެ. މިކަމަށް އޭނާ ފަޚްރުވެރިވެ އުޅުނެވެ. ނަމަވެސް، މާތް ﷲ މަތިން އޭނާ ހަނދާން ނައްތާލިއެވެ. އެއްވެސް މުދަލެއްނެތި އަދި ދަރިއެއްވެސް ނެތްހާލު އޭނާ އުފެއްދެވި ގަދަކީރިތިވަންތަ މާތް ﷲ ގެ މަތިން ހަނދުމަނައްތާލިއެވެ. އެއިލާހުގެ ނަބިއްޔާ صلى الله عليه وسلمގެ ދަޢުވަތަށް ހުރަސްއެޅުމަށް އެބާރާއި ނުފޫޒުގެ ބޭނުން އޭނާ ކުރިއެވެ. އެގޮތުން މާތް ﷲ އޭނާ ނަރަކައަށް އެއްލައިލެވޭނެ ވާހަކަބަޔާންކުރެއްވިއެވެ. سَأُصْلِيهِ سَقَرَ [٧٤:٢٦]
މާނައީ: " ނިކަންހުރެ ތިމަންރަސްކަލާނގެ އޭނާ ނަރަކަޔަށް ވައްދަވާހުށީމެވެ".
މިޒަމާނަށް ބައްލަވާށެވެ. ބައެއް މީހުންނަށް ބާއްޖަވެރިކަމަކީ ނުވަތަ މޮޅު ދިރިއުޅުމަކީ މަޝްހޫރުވުމުވެ. އެހެންކަމުން، ހަޔާތުގެ އެތައް ވަޤުތެއް ތިމާފަދަ ނިކަމެތި އިންސާނުންގެ ތަރުހީބާއި އެމީހުންގެ ތާއީދު ލިބޭތޯ ހޭދާކުރާ މީހުން މަދެއްނޫނެވެ. ތަފާތު ދާއިރާތަކުންނެވެ. ހަޤީޤަތުގައިވެސް މިބައިމީހުންނަކީ ޚާލިޤުވަންތަ މާތް ﷲގެ އަޅުވެތިކަން ދޫކޮށް، މީސްތަކުންނަށް އަޅުކަންކުރާ ބައެކެވެ.
އަދި އަނެއްބަޔަކު ދެކޭގޮތުގައި ބާއްޖަވެރިކަމާއި މޮޅުކަންވަނީ ވަކިފަންނެއްގައެވެ. އެގޮތުން ފިލްމީ ދާއިރާއާއި ލަވަކިޔުމާއި މިހެންގޮސް ތަފާތު ދާއިރާތައް ޚިޔާރުކުރެއެވެ. އަދި އެކަމުގައި ތިމާގެ ޙަޔާތް ފަނާކޮށް ހަލާކުކޮށްލައެވެ. ހަޤީޤީ ބާއްޖަވެރިކަމާއި ދުރަށްދެވޭކަން މިބައިމީހުންނަށްވަނީ އޮޅިފައެވެ.
އެހެންކަމުން، މި ބާއްޖަވެރިކަމުގެ ހަޤީޤީ މަގަކީ ކޮބައިތޯއެވެ؟... އެ ލިބެނީ ކޮންތަނަކުންތޯއެވެ؟... ބާއްޖަވެރިކަމާއިގެން ވަޑައިގެންނެވީ ކާކުތޯއެވެ؟... އަދި އިންސާނުންގެ ހިތްތަކަށް އެ ބާއްޖަވެރިކަން ވެއްދެވީ ކާކުތޯއެވެ؟... ޝައްކެތްނެތްގޮތުގައި، އެބޭކަލަކީ ކައުއިތުރު ނަބިއްޔާ މުޙައްމަދު އަލްމުޞްޠަފާ صلى الله عليه وسلم އެވެ. މާތް ﷲގެ ޙަޟްރަތުން އެކަލޭގެފާނު ވަޑައިގަތީ މިބާއްޖަވެރިކަމުގެ މަގު އިންސީންނާއި ޖިންނީންނަށް ދެއްކެވުމަށެވެ. ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުންނެވެ.
ބާއްޖަވެރިކަމީ، އީމާންކަމާއި ހެޔޮ ޞާލިޙު ޢަމަލުތަކެވެ.
ޔޫނުސް ބުނު މައްތާ عليه السلام އަށް ބާއްޖަވެރިކަން ލިބުނެވެ. ބޮޑު މަހުގެ ބަނޑުތެރޭގައި އަނދިރީގެ މައްޗަށް އަނދިރިކަން ވެރިވެފައިވީއިރު އެކަމުން މާތް ﷲ އޭނާ ސަލާމަތްކުރެއްވިއެވެ. އަދި ބާއްޖަވެރިކަމާއި ނަސީބުވެރިކަން ދެއްވިއެވެ. ކީއްވެގެންތޯއެވެ؟ މާތް ﷲ ގެ ޒިކުރު މަތީގައި އެކަލޭގެފާނު ދެމިހުންނެވީތީއެވެ. މަހުގެ ބަނޑުތެރޭގައެވެ. ހުރިހާ ގުޅުމެއްކެނޑިފައިވީ ހިނދުވެސް، މާތް ﷲ އާ އެކަލޭގެފާނާ ދެމެދުގައިވީ ގުޅުމެއް ނުކެނޑެއެވެ. އެހެންކަމުން، މާތް ﷲ ޤުރުއާނުގައި އެވާހަކަ ބަޔާންކުރެއްވިއެވެ. އަންނަނިވި ކަލިމަތަކުން (ޒިކުރުތަކުން) އެކަލޭގެފާނު ބާއްޖަވެރިކަން ހޯއްދެއްވިއެވެ. وَذَا النُّونِ إِذ ذَّهَبَ مُغَاضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِي الظُّلُمَاتِ أَن لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ [٢١:٨٧]
" އަދި ذوالنّون (އެބަހީ: ޔޫނުސްގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (ޤައުމުގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ ޢުޤޫބާތެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި ( އެބަހީ: މަހުގެ ބަނޑުގައި) ދުޢާކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، އިލާހަކު ނެތެވެ. އިބަރަސްކަލާނގެ ހުސް ޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."
އަދި ބާއްޖަވެރިކަން މޫސާ عليه السلام ވެސް ހޯއްދެވިއެވެ. އެއީ ބިޔަ ކަނޑެއްގެ ކުރިމަތީގައި އެކަލޭގެފާނު ވީހިނދުއެވެ. ފިރުޢައުނާއި އޭނާގެ ލަޝްކަރު މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ފަހަތުން އައިސް އަރައިހަމަކުރި ހިނދުއެވެ. އެހެން އެއްވެސް ގޮތެއް ނެތުނުހިނދެވެ. ނަމަވެސް އެކަލޭގެފާނަކީ ބާއްޖަވެރިއެއްކަމުގައި މާތް ﷲ ލެއްވިއެވެ. މާތްﷲ ގެ ވަޢުދުފުޅާމެދު ފުރިހަމަ ޔަޤީންކަން އެކަލޭގެފާނަށް އޮންނެވިއެވެ. އެވަޤުތު ވިދާޅުވިއެވެ. قَالَ كَلَّا ۖ إِنَّ مَعِيَ رَبِّي سَيَهْدِينِ [٢٦:٦٢]
މާނައީ: " އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ ތިމަންނާއާއެކު ވޮޑިގެންވެއެވެ. އެކަލާނގެ ތިމަންނާއަށް މަގުދައްކަވާނެތެވެ".
އަދި ބާއްޖަވެރިކަން އަޅަމެން މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ވެސް ހޯއްދެވިއެވެ. އެއީ އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މައްކާގެ މުޝްރިކުން ކަނޑިހިފައިގެން ތިބި ވަޤުތެވެ. ހޮހޮޅައި ދޮރުމަތީގައެވެ. ނަމަވެސް، އެއީ ބިންމަތީގައި ލެއްވުނު އެންމެ މާތް އިންސާނާއެވެ. އެވަޤުތު ކޮޅުގެ ޒިކުރު ކީރިތި ޤުރުއާނުގައި މާތް ﷲ ކުރައްވާފައިވެއެވެ. إِلَّا تَنصُرُوهُ فَقَدْ نَصَرَهُ اللَّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُوا ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لَا تَحْزَنْ إِنَّ اللَّهَ مَعَنَا ۖ فَأَنزَلَ اللَّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا
މާނައީ: "ތިޔަބައިމީހުން އެކަލޭގެފާނަށް ނަޞްރުނުދިނަސް، ހަމަކަށަވަރުން، اللَّه، އެކަލޭގެފާނަށް ނަޞްރުދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ ހާލު، ކާފިރުވި މީހުން، އެކަލޭގެފާނު ނެރެލިހިނދުގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދުގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް (އެބަހީ؛ އަބޫ ބަކުރުގެ ފާނަށް)، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވިހިނދުގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން اللَّه ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ ލަޝްކަރުތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ".
އަދި ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާ رحمه الله ވެސް މި ބާއްޖަވެރިކަން ޙާޞިލްކުރެއްވިއެވެ. އެއީ އެކަލޭގެފާނު ޖަލުގެ ކުޑަ އަނދިރި ގޮޅިއަށް ވެއްދުނު ވަޤުތުއެވެ. އެވަގުތުކޮޅު މިއާޔަތް ވިދާޅުވަމުން ގެންދެވިއެވެ. فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ [٥٧:١٣]
މާނައީ: " ފަހެ، އެ އުރެންގެ މެދުގައި ފާރެއް ލައްވާނެތެވެ. އެ ފާރުގައި ދޮރެއްވެއެވެ. އޭގެ އެތެރެފުށުގައިވަނީ ރަޙްމަތެވެ. އަދި އޭގެ ބޭރުފުށުން އަނެއްފަރާތުގައިވަނީ ޢަޛާބެވެ".
އަދި ޖަލުގެ ބޭރުގައި ތިބި މީހުންނާއި މުޚާޠަބުކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. " އަހުރެންނާއި މެދު ދުޝްމިނުން ކުރާނެ އެއްވެސް ކަމެއް ނެތެވެ؟. އެހެނީ، އަހުރެންގެ ބަޤީޗާ އާއި ބުސްތާނު ވަނީ އަހުރެންގެ ހިތުގައެވެ. އަހުރެން ދާ ކޮންމެތަނަކަށް އެއެއްޗެހި ދާނެއެވެ... އަހުރެން މަރާލިނަމަ، ޝަހީދަކަށްވީއެވެ... އަދި ޤައުމުން ނެރެލިނަމަ އެއީ ފަތުރުވެރިކަމެކެވެ... އަދި ޖަލަށްލުމަކީ މާތްﷲ އަށް މުނާޖާކުރުމަށް މީހުންނާއި އެކަހެރިވެވޭ ޚިލުވަތެކެވެ..."
ބާއްޖަވެރިކަމަކީ އެއީއެވެ. އަދި އޭގެ ތެރެއިން ބައެއް ބާއްޖަވެރިންގެ ހާލުހުރިގޮތުގެ ނަމޫނާތަކެކެވެ. އެހެންކަމުން، ބާއްޖަވެރިކަމަކީ ހެޔޮ ޞާލިޙު ޢަމަލުން ނޫނީ ނުލިބޭނެ އެއްޗެކެވެ. އެމަގާއިގެން ފޮނުއްވުނީ އުއްމަތުގެ މާތް ނަބިއްޔާ މުޙަންމަދު صلى الله عليه وسلم އެވެ.
އެހެންކަމުން، ދަންނާށެވެ...! އީމާންކަމާނުލައި ގަނޑުވަރުތަކުގައި ނިދާ މީހުންނަށް މާތް ﷲ ލިޔުއްވާފައިވަނީ މިފަދައިންނެވެ. فَإِنَّ لَهُ مَعِيشَةً ضَنكًا [٢٠:١٢٤] ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ.
އަދި އީމާންކަމާއި ނުލައި މުދަލާއި ފައިސާ ޖަމާކުރި މީހުންގެ ޚިތާމު މާތް ﷲ ކުރައްވާފައިވަނީ މިފަދައިންނެވެ. فَإِنَّ لَهُ مَعِيشَةً ضَنكًا [٢٠:١٢٤] ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ.
އަދި އީމާންކަމާއި ނުލާ ދުނިޔޭގެ ލައްޒަތާއި މަންސަބު ހޯދި މީހުންގެ ނިމުން މާތް ﷲ ލައްވާފައިވަނީވެސް މިފަދައިންނެވެ. فَإِنَّ لَهُ مَعِيشَةً ضَنكًا [٢٠:١٢٤] ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ.
އޭ ބާއްޖެވެރިކަމަށް އެދޭ މީހުންނެވެ...! އޭ ބާއްޖަވެރިކަމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މީހުންނޭވެ...! އޭ ދެމިގެންވާ ދާއިމީ ބާއްޖަވެރިކަމަށް އެދޭ މީހުންނެވެ...! ސުވަރުގެތަކާއި ކޯރުތަކަށް އެދޭ މީހުންނެވެ...! މާތް ނަބިއްޔާ صلى الله عليه وسلم ގެނެސްދެއްވި އެއްޗެއްނަމަ އެ އެއްޗެއްގައި ހިފައިގެން ނޫނީ އެކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ.
(ނޯޓު: މިއީ 2010 ވަނަ އަޅުގަނޑު ލިޔުނު ލިޔުމެކެވެ. މިލިޔުންވަނީ އޭރުގެ ބައެއް ވެބްސައިޓުތަކުގައި ޝާއިޢުކުރެވިފައެވެ.)
ޚިޔާލު ފައުޅުކުރުން